Sunday, May 10, 2009

ދަރިފުޅު ރަނގަޅު ކުއްޖަކަށް ވާނީ ކިހިނެއް؟

ކާވަނީގެ ރަޒީޢާއިން އަޅުގަނޑުމެން ދަރީން ހޯދަމު އެވެ. ދަރީންގެ ޅަފަތުގެ ދުވަސްތަކާ ހެދިބޮޑުވެ ފުރާވަރަށް އަރާއިރު އަޅުގަނޑުމެން އެކުދިންގެ ކާމިޔާބީތަކަށްޓަކައި އުފާކުރަމެވެ. ތުއްތު އިރުގެ ހަނދާންތައް އަލްބަމްތަކާއި ސީޑީ ތަކުގެ އެހީގައި ރައްކާކުރަމު އެވެ. އެކުދިންގެ ބެލެހެއްޓުންތެރިކަމުގެ ދަށަށް އަޅުގަނޑުމެން ދާންޖެހޭ އުމުރަށް އަޅާ އިރު އެފަދަ ރަޙްމުހުރި ޤާބިލް ކުދިންކަމުގައި ވުމުގެ ފޮނި އުންމީދުތައް ކުރަމު އެވެ. އެކަމަކު، މި ނަތީޖާ ހާސިލް ވަނީ ކާވަނިން ފެށޭ ކިތައް ގުޅުމަށް ބާވަ އެވެ؟ މި އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށް އަޅުގަނޑުމެން އަދާކުރަންވި ދައުރާމެދު އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ ދެއްވާފައިވާ އިރުޝާދުފުޅުތަކަކީ ކޮބައިބާވައެވެ؟ 1- ރަނގަޅު އަނތްބަކު އިޚްތިޔާރު ކުރުން : ފިރިހެނަކު ކާވެނި ކުރުމަށް އަންހެނަކު އިޚްތިޔާރު ކުރުމުގައި ބަލާނެ ހަތަރު ގޮތެއް ވެއެވެ. އޭނާގެ މުދާވެރިކަމާއި އޭނާގެ ރީތިކަމާއި އޭނާގެ ޙަސަބާއި ނަސަބާއި އޭނާގެ ދީންވެރިކަމެވެ. އޭގެތެރެއިން ތިޔަބައިމީހުން ދީންވެރިކަން އިޚްތިޔާރު ކުރާށެވެ. އޭރުން އެކާވެނިބާއްޖަވެރި ވާނެއެވެ. * ކުޑަކުއްޖަކު ޢުމަރުބުނުލްޚައްޠާބުގެ އަރިއަހުން ސުވާލުކުރިއެވެ. " އޭ މުއުމިނުތަކުންގެ އަމީރެވެ! ބައްޕަގެ މައްޗަށް ދަރިފުޅަށްޓަކައި އަދާކުރަންޖެހޭ ޙައްޤުތަކެއް ވޭހެއްޔެވެ؟ އެހިދު ޢުމަރުގެފާނު ވިދާޅުވިއެވެ. އާނއެކެވެ! ކުޑަކުއްޖާ ސުވާލުކުރިއެވެ. އެކަންތަކަކީ ކޮބައިތޯއެވެ! ފަހެ ޢުމަރުގެފާނު ވިދާޅުވިއެވެ. އެއީ ރަނގަޅު މަންމަޔަކު ހޯދައިދިނުމާއި ރަނގަޅު ނަމެއް އިޚްތިޔާރު ކުރުމާއި ކީރިތިޤުރްއާން ކިޔަވައި ދިނުމެވެ." 2- ރަނގަޅު ނަމެއްކިޔުން : ކައު އިތުރު ރަސޫލާގެ ބަސްފުޅެއްގެ މާނައިގާ ވެއެވެ. " ހަމަކަށަވަރުން ޤިޔާމަތް ދުވަހުގައި ތިޔަބައިމީހުންނަށް ގޮވާލެވޭނީ ތިޔަބައިމީހުންގެ ބަފައިންގެ ނަމުންނާއި ތިޔަބައިމީހުންގެ ނަމުންނެވެ. ފަހެ ތިޔަބައިމީހުން ހެޔޮ ރަނގަޅު ނަމުން ނަންކިޔާހުށިކަމެވެ." ރަސޫލާގެ ޙަދީޘް ބަސްފުޅެއްގެ މާނައިގާ ވެއެވެ. " ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޯބިވެތިކަން ބޮޑުވެގެންވާ ނަންތަކަކީ ޢަބްދު (عبد) ން ފެށޭ ނަންނަމާއި ޙަމްދު (حمد) ން ފެށޭ ނަންނަމެވެ." އެހެންކަމުން ދަރިންނަށް ނަންކިޔުމުގައި ޢަބްދުﷲ ، ޢަބްދުއްރަޙްމާނު ، ޢަބްދުއްރަޙީމް ފަދަ ﷲ ގެ އިސްމުފުޅާއި ގުޅުވައިގެން ކިޔޭ ނަންނަމާއި އަޙްމަދު ، މުޙައްމަދު، ޙާމިދު ، މަޙްމޫދު މިފަދަ ނަންނަން ކިޔުން ރަނގަޅެވެ.3- ހެއުކޮށް ކަންތައްކުރުން : އަލް އަޤްރަޢު ބުނު ޙާބިސަށް ، ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަސަންގެފާނަށް ބޮސްދެއްވި މަންޒަރު ފެނުނެވެ. އޭނާ ޙައިރާންކަމާއެކު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ދެންނެވިއެވެ. " ތިމަންގެ ދިހަކުދިން ތިބެއެވެ. އެކަމަކު ދުވަހަކުވެސް އެއިން ކުއްޖަކަށް ބޮސްދީ ( ދޮންދީ ) އެއް ނުހަދަމެވެ. " އެހިނދު އޭނާއާއި މުޚާޠަބު ކުރައްވާ ރަސޫލާ ޙަދީޘް ކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ. " މީސްތަކުންނަށް އޯގާވެރި ނުވާ މީހަކަށް މާތް ﷲ އޯގާވެރިވެ ވޮޑިއެއް ނުގަންނަވާނެއެވެ." ހަމަ އެފަދައިން ރިވާވެގެންވާ ގޮތުގައި ކީރިތި ރަސޫލާގެ ކާފަދަރިކަލުން ޙަސަނުގެފާނު ތުއްޕުޅުއިރު، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަޖިދައިގައި އޮންނަވަނިކޮށް އެކަލޭގެފާނުގެ ބުރަކަށިފުޅުގެ މައްޗަށް އަރާވަޑައިގަންނަވާތީ ޢަބްދުﷲ ބުނު ޒުބައިރު ދެކެވަޑައިގަތެވެ. އަދި އަނެއްބައިފަހަރަށް ޙަސަނުގެފާނާ ޙުސައިނުގެފާނާ ދެބޭކަލުންވެސް މިގޮތަށް އަރުއްވައިގެން އުޅުއްވައެވެ. މިފަދަ ވަގުތުތަކުގައި އެއިން ބޭފުޅަކަށް ގެއްލުމެއް ލިބިވަޑައިގެންފާނެ ކަމަށްޓަކައި އެކަލޭގެފާނު ސަޖިދަ ދިގު ކުރައްވައެވެ.4- ދަރިންގެ މެދުގައި ތަފާތު ނުކުރުން : ނުޢުމާނު ބުނު ބަޝީރު ރިވާކުރައްވާ ކަމަށް ޞަޙީޙު މުސްލިމުގައި ރިވާވެގެން އައިސްފައި ވެއެވެ. ނުޢުމާނު ބުނު ބަޝީރު ވިދާޅުވިއެވެ. ތިމަންގެ ބައްޕަގެ މުދަލުން ބައެއް ތިމަންނައަށް ދިނެވެ. ދެން އެކަމާ ތިމަންގެ މައިކަމަނާ ޢަމްރާ ބިންތު ރަވާޙާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ދަންނވާފައި ނޫނީ ތިމަންކަމަނާ ތިޔަކަމަކާނުރުހޭނަމެވެ. ދެން ތިމަންގެ ބައްޕާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިއަހަށް ގޮސް އެކަމުގެ ވާހަކަ ދެންނެވިއެވެ. އެ ހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިމަންގެ ބައްޕައަށް ޙަދީޘްކުރެއްވިއެވެ. " ތިބާގެ ހުރިހާ ދަރިންނަށްވެސް މިފަދައިން ކަންތައް ކުރީމު ހެއްޔެވެ؟" ބައްޕަ ދެންނެވި އެވެ. ނޫނެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. " ތިބާ ﷲއަށް ތަޤްވާވެރިވާށެވެ. އަދި ދަރިންގެ މެދުގައި ހަމަހަމަކޮށް ޢަދުލުވެރިކޮށް ކަންތައް ކުރާށެވެ." ދެން ބައްޕަ އެނބުރި ވަޑައިގެން އެދެއްވި ބައި އަތުލެއްވިއެވެ. 5- ފާޙިޝް ޢަމަލުތަކާއި ހަޑިހުތުރު ވާހަކަތަކުން ދުރުހެލިވުން : ފަހެ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަށް ފެނިވަޑައިގަތީ އަންހެނަކު އޭނާގެ ދަރިއަކަށް ގޮވާ މިއޮތީ އެއްޗެކޭ ބުނެ ހުސް އަތް ދިއްކުރަނިކޮށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. އެދަރިފުޅަށް އެއްޗެއް ދިނީމު ހެއްޔެވެ؟ އެކަނބުލޭގެ ދެންނެވިއެވެ. ނޫނެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ކަނބުލޭގެ ދަރިފުޅަށް އެއްޗެއް ނުދީފިނަމަ ތިޔަކަންވެސް ވާހުށީ ހަމަދޮގަކަށެވެ." 6- ދަރިންގެ އުޅުމާއި ސުލޫކު ބެލެހެއްޓުން : ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅެއްގެ މާނައިގައި ވެއެވެ. " ކުއްޖާގެ ޢުމުރުން ހަތްއަހަރުވުމުން ނަމާދުކުރުމަށް އަމުރުކުރާށެވެ. އަދި ދިހައަހަރުވުމުން ނަމާދު ނުކުރާނަމަ އެކުދިންނަށް އަދަބުދީގެންވެސް ނަމާދުކުރުވާށެވެ! އަދި އެކުދިންގެ ދާންމަތި ތިޔަބައިމީހުންނާ ވަކިކުރާށެވެ! " 7- ދަރިންނަށް ރިވެތި އަދަބު ދަސްކޮށްދިނުން: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅެއްގެ މާނައިގައި ވެއެވެ. " ތިޔަބައިމީހުންގެ ދަރިން ތިންކަމެއްގެ މައްޗަށް ތަރުބިޔަތު ކުރާހުށިކަމެވެ. އެކަންތަކަކީ ތިޔަބައިމީހުންގެ ނަބިއްޔާއަށް ލޯބިކުރުމާއި އެނަބިއްޔާގެ އާލުބައިތުންނަށް ލޯބިކުރުމާއި ކީރިތިޤުރްއާން ކިޔެވުމެވެ. "8- ޙަރާމްތަކެތި ކެއުމުން ދަރިން ދުރުހެލިކުރުން : ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. " ކެއިން ބުއިމުގައި އިސްރާފު ނުކުރެވޭހާ ހިނދަކު (ޙަލާލުތަކެތި) ކެއިން ބުއިމަކީ ޙަލާލު ކަމެއްކަމުގައި ﷲ ލެއްވިއެވެ. " އާދެ! ދިރިއުޅުމުގައި އެކި މީހުންނަށް ކުރެވެނީ އެކި ތަޖުރިބާ އެވެ. އެކި މީހުންނަށް ދިމާވަނީ އެކި މައްސަލަތަކެވެ. އެހެންނަމަވެސް ހުރިހާ މައްސަލަ ތަކުގެ ޙައްލަކީ ހަމަ އެކަނި އިސްލާމްދީނެވެ. އަޅުގަނޑުމެންނަށް އޮތީ، ތަނަވަސް ގޮތެއްގައި ދީނާމެދު ވިސްނުމެވެ. އެމީހެއްގެ ތަޖުރިބާއާއި، ޙާލަތާމެދު ވަކީލުކޮށް، ތިމާގެ ކޮނޑުގައި އެޅިފައިވާ އަމާނާތްތައް އޭގެ ފުރިހަމަ ގޮތުގައި އަދާކުރުމެވެ. ކާވަނީގެ މަޤުޞަދާއި، ދަރީންނަށްޓަކައި އަދާކުރަންޖެހޭ ޙައްޤުތަކާއި، ޒަމާނާއި ދުނިޔެއަށް އަންނަ ބަދަލުތަކުގެރޭގައި، އެކުދިންގެ ވިސްނުމާއި ފިކުރަށް ފޯރާ ނުރަނގަޅު ހުރިހާ ކަމަކުން އެކުދިން ސަލާމަތް ކުރަން ޖެހެއެވެ. އެންމެ ފުރަތަމަ ބެލެނިވެރިން ސަލާމަތްވެތިބެގެންނެވެ. މާތް ނަބިއްޔާގެ އިރުޝާދުތައް ތާ އަބަދު ހަނދާން ކުރަމުންނެވެ. ހެޔޮ ލަފާ ދަރިޔަކު ބިނާކުރުމުގެ ކާމިޔާބު މަގަކީ މިއީ ކަން ކަށަވަރެވެ.

މަންމަ އަކަށް ވުމުގެ ކުރިންއަހަރެން

މަންމަ އަކަށް ވުމުގެ ކުރިންއަހަރެން އަމިއްލަ އަށް ކައްކައިގެން ތާޒާކަން މަތީ ހުއްޓާ ކަމެވެ.އަހަރެންގެ ހެދުމަކު ލަކެއް ނުހުރެ އެވެ.އަހަރެން މީހެއްގެ އުނދަގުލެއް ނުފޯރައި ހުރެ އެތައް އިރަކު ފޯނުން ވާހަކަ ދައްކަމެވެ. މަންމަ އަކަށް ވުމުގެ ކުރިންއަހަރެން ބޭނުން އިރެއް ވާންދެން ނިދާން އޮންނަމެވެ.ރޭގަނޑު ނިދެނީ މާ ލަހުންނޭ ހިތަށް އަރާފައި ފިކުރު ކުރާކަށް ނުޖެހެ އެވެ.ކޮންމެ ދުވަހަކު ދަތް އުނގުޅަމެވެ. ބޯ އޮމާން ކުރަމެވެ. މަންމަ އަކަށް ވުމުގެ ކުރިންއަހަރެން ކޮންމެ ދުވަހަކު ގޭތެރެ ކުނި ކަހަމެވެ.ގޭތެރޭގައި އުކާފައި ހުންނަ ކުޅޭ އެއްޗެތީގައި ފައި އަޅައެއް ނުގަނެ އެވެ.ވާހަކަ ދައްކަން އުޅުނީމާ ނާނާ ކިޔޭ ގޮތެއް ނުވެ އެވެ. މަންމަ އަކަށް ވުމުގެ ކުރިންގޭތެރޭގައި ހައްދާފައި ހުންނަ ގަސް ގަހުގައި ވިހަ މާއްދާއެއް ހުރެދާނެތީ ޖެހިލުމެއް ނުވެ އެވެ.ބަލި ބަލިން ދިފާޢު ވާން ދޭ ވެކްސިން ގެ މައްޗަކުން ނުވިސްނަމެވެ. މަންމަ އަކަށް ވުމުގެ ކުރިންއަހަރެންގެ ގަޔަކަށް އެކަކުވެސް ހޮޑެއް ނުލަ އެވެ.ސިއެއް ނުލައެވެ.ހީހެއް ނުލަ އެވެ.ސޮންޏެއް ނުބާލަ އެވެ.އަހަރެންގެ ގަޔަކު އެކަކުވެސް ދަތެއް ނާޅަ އެވެ.ކުޑަ ކުޑަ އަތަކުން އަހަރެންގެ ގަޔަކު ވިކައެއް ނުގަނެ އެވެ. މަންމަ އަކަށް ވުމުގެ ކުރިންއަހަރެންގެ ވިސްނުމުގެ މައްޗަށް އަހަރެންގެ ބާރު ފޯރަ އެވެ.އަހަރެންގެ ހަށިގަނޑުގެ މައްޗަށް އަހަރެންގެ ބާރު ފޯރަ އެވެ.އަހަރެންގެ ސިކުނޑީގެ މައްޗަށް އަހަރެންގެ ބާރު ފޯރަ އެވެ.ރޭގަނޑު ހަތަރު ދަމު ނިދަމެވެ. މަންމަ އަކަށް ވުމުގެ ކުރިންޑަކްޓަރުން ލައްވާ އިންޖެކްޝަން ޖައްސަން ނުވަތަ ބޭސް ދޭންރޮއިރޮއި އޮންނަ ކުއްޖަކު އޮބަހައްޓައިގެންނެއް ނީންނަމެވެ.ކަރުނަ އައިސްފައިވާ ލޮލަކަށް ބަލާފައި އަހަންނެއް ނުރޮމެވެ.ފަނޑު ފަނޑު ހިނިތުންވުމެއް ފެނިފައި އަހަރެންގެ ހިތް އުފަލުން ފުރޭ ގޮތެއް ނުވެއެވެ.ރޭގަނޑު ދަންވަރު ތެދުވެ ކުޑަ ކުއްޖަކު ނިދާތަން ބަލާކަށް ނީންނަމެވެ. މަންމަ އަކަށް ވުމުގެ ކުރިންތަންމަތީގައި ބާއްވާ ހިތް ނުވެގެން ނިދާފައި އޮންނަ ކުޑަ ކުއްޖަކު އުނގުގައި ބާއްވައިގެންނެއް ނީންނަމެވެ.ކުޑަ ކުއްޖާ އަށް ލިބޭ ހާނީއްކަ އަކުން ސަލާމަތް ކުރެވޭ ގޮތް ނުވީމާއަހަރެންގެ ހިތް ކުދި ކުދި ވެގެންނެއް ނުދެއެވެ.މިހައި ކުޑަ ކުޑަ ކަމަކުން އަހަރެންގެ ދިރިއުޅުމަށް މިހައި ބޮޑު ބަދަލެއް އަތުވެދާނޭ ކަމަކަށް ހިއެއް ނުކުރަމެވެ.އެއްވެސް މީހަކު ދެކެ މިހައި ބޮޑަށް ލޯބި ވެދާނޭ ކަމަކަށް ހިއެއް ނުކުރަމެވެ.މަންމަ އަކަށް ވުމަކީ އަހަރެން މިހައި ބޮޑަށް ގަޔާވާނޭ ކަމެއް ކަމަކަށް ހިއެއް ނުކުރަމެވެ. މަންމަ އަކަށް ވުމުގެ ކުރިންއަހަރެންގެ ހިތް އަހަރެންގެ ހަށިގަނޑުން ބޭރުގައި އޮތީމާކުރެވެނީ ކޮން ކަހަލަ އިޙްސާސް ތަކެއް ކަމެއް ނޭނގެ އެވެ.ބަނޑުހައިގެންފައި އޮންނަ ކުޑަ ކުއްޖަކަށް ކާން ދެވުނީމާ ލިބެނީ ކޮން ކަހަލަ އުފަލެއް ކަމެއް ނޭނގެ އެވެ.މަޔަކާއި، ދަރިއަކާ ދެމެދު އޮންނަ ގުޅުމަކީ ކިހައި ވަރުގަދަ ގުޅުމެއް ކަމެއް ނޭނގެ އެވެ.މިހައި ކުޑަ ކުޑަ ކަމަކުން އަހަރެންގެ ހިތަށް މިހައި ބޮޑު ހަމަޖެހުމެއް ލިބިދާނޭ ކަމަކަށް ހިއެއް ނުކުރަމެވެ. މަންމަ އަކަށް ވުމުގެ ކުރިންނިދާފައި އޮވެފައި އިރު އިރުކޮޅާ ތެދުވެ ހުރިހައި ކަމެއް ހުރީ ރަނގަޅަށްތޯ ބަލައެއް ނުހަދަމެވެ.މަޔަކަށް ވީމާ ލިބޭ ލޯތްބާއި،އުފަލާއި،އިޙްސާސް ކުރެވޭ ޙަރާރަތާއި،ހިތަށް ލިބޭ ހަމަ ޖެހުމާއި، ވޭނާއި،ދިރިއުޅުމުގައި ޖެހިގެންދާ އުފާވެރިކަމުގެ ކުލަވަރަކީމަންމަ އަކަށް ވުމުގެ ކުރިން އަހަންނަށް އެނގިފައި ހުރި ކަންތައްތަކެއް ނޫނެވެ. މަންމަ އަކަށް ވުމުގެ ކުރިންއަހަންނަކީ މި ހުރިހައި ކަމެއްގެ ޤާބިލުކަން ލިބިފައި ހުރި މީހެއް ކަމެއް ނޭނގެ އެވެ.

ބަދަލުވަމުންދާ ޒަމާން

އަޅުގަނޑަކީ ވިހި ވަނަ ގަރުނުގެ ކުރީ ފަންސާހުގެ ފަހު ދިހައިގެ މެދުތެރޭގައި ގަލޮޅު ބޮޑު މަގުގައި ހުރި ގެއެއްގައި ދުނިޔެއަށް އުފަންވި ކުޑަކުއްޖަކީމެވެ. އުމުރުގެ ވަރަށް ކުރީކޮޅުގައި ޔަތީމުވި މީހެކެވެ. ﷲ ގެ ތަނަވަސް ރަޙުމަތުގައި ބޮޑުވެ ޒުވާން ޢުމުރު ފަސްދީ ފައިވާ "ޒުވާނެކެވެ''ދުނިޔެއަށް ނޭވާލާ ތަންދޮރު އެނގި ހޭލި މޭލިވެވި ވާން ފެށިއިރު ގޭގެ ފުޅަލި ދޮށަށް ނުކުމެ ބަލައިލާއިރު މަގުގެ އެއްކޮޅުން ފެންނަނީ މަގުމެދުގައި އިންދާ ހައްދާފަ ހުރި ބޮޑު ދެ މޫނިމާ ގަހެވެ. މަގުގެ އަނެއް ކޮޅުން ފެންނަނީ މަގުގެ ނިމޭހިސާބުގައި މަގުމެދުގައި ބޮޑުދެގައު މަތީގައި ބާއްވާފައި އޮންނަ ފަސްމުށު ދަނގަނޑު ބޮޑުބަޑިއެކެވެ. އޭގެ ބިއްދޮށުން ފެންނަނީ ގޮނޑުދޮށެވެ. މަގުގެ ދެފަރާތުގައިވަނީ ދަނޑި ފަނުގެފުޅަފާއި އަމުދުން އެވަރުވެސް ނުހުންނަ އިންވަކި ކުރެވިފައިވާ ގޯތި ގެދޮރުތަކެވެ. ބައެއްގޭގޭގައި މަގުފުޅަށް އޮށިން ނުވަތަ ދަނޑިފަނުން އަޅައި ބިއްގަތާ ކޮޅުފަންޖަހާފައިވެސް ހުރެއެވެ. އެކަމަކުވެސް އެކި ދެތިންގެއެއްގެ މަގުފާރު ރާނާފައި ނެތެކޭ ނުދަންނަވާކަށް ނެތީމެވެ. ވަރަށް މަދުގެއެއް ދެފުރާޅަށް ނުވަތަ އެއަށް ވުރެ ބޮޑުކޮށް މެދު އެތެރެގެއަކާއި އެކު ރާނާފައި ނެތެކޭވެސް ނުދަންނަވަމެވެ. އެކަމަކު ގިނަގޭގެ ހުންނަނީ ގާފޮޅުބަނދެ ވަކަރާއި ބޮޑުދުނބުރިން މެއްލަޖަހައިގެން ހަދައިފައެވެ. މަދުގެއެއް ފުރާޅުގައި ޓިނުޖަހައި ހިޔާކޮށްފައިވާއިރު ގިނަގޭގޭގެ ފުރާޅު ހިޔާކޮށްފައި ހުންނަނީ ފަންގިލައިގެންނެވެ. ފަންފުރާޅު ލާފައި ހުންނަ ގޭގޭގެ ފުރާޅުގައިވެސް އެއްބުރި ދެބުރި ދަނގަނޑު ޓިނު ފަހަރުގައި އޮވެދާނެއެވެ. މިހެން އޮންނަ ޓިނުބުރިބުރިވެސް ގިނަފަހަރަށް އޮންނަނީ ފޫގޮސްފައެވެ. ފުރާޅުގައި ޓިނުހުންނަ ގޭގޭގެ ފުރާޅުންވެސް ތިންހަތަރު ތާކުން ޓިނުގަނޑު ފޫގޮސްގެން ގޭތެރެއަށް ވިއްސާރަ މޫސުމުގައި ވާރޭވެހޭނަމަ ފެން ފައިބަމުންދާނެއެވެ. މިފަދަ ލޯވަޅު ބެއްދުމަށް ބަނބުކެޔޮކިރު ފޮތި ތިންހަތަރުތާކު ނުހިއްޕާ ފުރާޅެއް ހުންނާނެއެކޭ ހިތަކަށް ނުފެނެއެވެ. ގޭގޭގެ ބިތް ބައްދާފައި ހުންނަނީ ދަނޑިން ބިތްގަތައި ތޮށައްޔާއި ފަންޖަހައިގެންނެވެ. ނުވަތަ ގޯނިން ނޫނީ އެފަދަ ކޮންމެވެސް ގޮަތަކުންނެވެ. ބިތުގައި ފަންޖަހައި މޮޅަށް ތައްޔާރުކޮށްފައި ހުންނަ ގޭގޭގެ ބިތްބިތުގައި މަތަރެސް އަޅައި ބައްޅިޖަހައި ފަންގަނޑުގެ ހުނގުލި އެއްވަރަށް ކޮށައިފައެވެ. ގޭގޭގެ އިމުގެ އެތެރޭގައި ހައްދާފައި ހުންނަ ބޮޑެތި ހިޔާދޭ ގަސްގަހުގެ ސަބަބުން މުޅިމަގު އޮންނަނީ ގާތްގަނޑަކަށް ދުވާލުގެ ހަތަރުދަމު ހިޔާވެފައެވެ. މެންދުރުގެ ގަދަ ހޫނުގައި ފިނިކޮށްލަން ކޯޅިކޯޅިވަރަށް ދުވަސްވީ މީހުނާއި ހަރު މީހުނާއި ޒުވާނުން ނުކުމެ ހިޔާ ގަނޑުގަޑުގައި މަޑުކޮށްލާއިރު ކުޑަވަރު ކުދިން ނުކުމެ ބިންމަތީ އިށީދެލައިގެން އެކުދިންގެ އިނގިލިތަކުގެ ކުރިން ބިންމަތީގައި ކުރަހަން، އެކުދިންގެ ޅަ ޚިޔާލުތައް ފާޅުކޮށް ތެޔޮގުޅާ ސާދާކުރަން އެތިބޭ ތިބުމަކީ ވަރަށް ރީތި ހިތަށް ފިނިކަން ގެނެސްދޭ އުފާވެރި މަންޒަރެކެވެ. ބައެއް ދިމަދިމާގައި ދުންގުޑުގުޑާއާއި އޮށްވަޅުގޮޑި ނުވަތަ ތިންހަމަ ފިލާގަނޑު ހިފައިގެން އަންހެންވެރިން ނުކުމެ މިދެންނެވި ބީދައިން ބިންމަތީގައި ފޫހަރާލައިގެން ރަބަތަޅަން އެތިބޭ މަންޒަރަކީވެސް ހަމަ އެފަދަ އެކުވެރިކަމާއި އެއްބައިވަންތަކަން ދައްކައިދޭ ރީތި މަންޒަރެކެވެ.ކޮންމެ ގެއެއްގެ މީހުންވެސް އެގެއަކާއި ދިމާމަގުމަތި މަދުވެގެން ދުވާލަކު އެއްފަހަރު ކުނިކަހާ ސާފުކުރެއެވެ. މުޅި މަގުއޮންނަނީ ވަރަށް ސާފުކޮށެވެ. ގޭގޭގެ އިމުގެ ތެރޭގައި ހެދިފައި ހުންނަ ބޮޑެތި ހިޔާދޭ ބަނބުކެޔޮ ގަސްތަކާއި އަނބުގަސްގަހުން މަގުމައްޗަށް ފައިބާ ފަތްތައް އެގޭގޭގެ މީހުން ނުކުމެ ދޭތެރެ ދޭތެރެއިން ހޮވާނަގައެވެ. މިގޮތަށް ފަތްހޮވަން ބޭނުންކުރަނީ އެއްކޮޅުގައި މުއްގަނޑެއް ލާފައި އަނެއްކޮޅު ފޭއްސާ ތޫނުކޮށްފައިވާ ދަނގަނޑެކެވެ. ގޭގޭގައި މަގުމަތީ އިމާއި ކައިރީގައި ހައްދާފައި ހުންނަ ގަސްގަހުން މަގަށް ދަތިވާގޮތަށް ބޭރަށް ނުކުމެފައި ހުންނަ އޮފިގަނޑުގަނޑާއި ކުރިތައް އެގޭގޭގެ ވެރިން ކޮށާނެއެވެ. ވަކިމީހަކު އަންގާ އެންގުމަކާއި ނުލައެވެ. މިހެން މިކަން ހިނގަމުން ދާއިރު ކޮންމެ އެކި ދެތިންމަހުން އެއްމަހު އަވަށު މުދިމަކު މަސައްކަތުމީހުން ގޮވައިގެން ނުކުމެ ވަކިއުސްމިނަކަށްވުރެ ތިރީގައި މަގުމައްޗަށް ހުންނަ އޮފިތަށް އަވަށުގެ ފަރާތުން ކޮށަމުންވެސް ގެންދެއެވެ.އެދުވަސްވަރަކީ މާލޭގެ މަގުމަތީގައި ދުއްވާތަކެތި ވަރަށް މަދުން ނޫނީ ފެންނަ ދުވަސްވަރެއް ނޫންކަމުން މަގެއްމަތީގައި ކިތަންމެ ބަޔަކު ކިތަންމެ އިރަކު އިށީދެގެން ތިބިނަމަވެސް ނޫނީ ކުޅިވަރު ކުޅެން އުޅުނުނަމަވެސް އުދަގޫވެގެން ޝަކުވާކުރާ މީހަކު އުޅޭއިރެއްނޫނެއެވެ. ފަޑިޔާރުގޭ ދޭވާންޏެއް ރަތްފައްޓާއަޅާފައި ބައިސްކަލެއްގައި ދާތަން ވަރަށް މަދުން ފެ ނިދާނެއެވެ. އަޅުގަނޑުގެ ގޭދޮށު ހިސާބުގަނޑުގައި މިދެންނެވި ކަހަލަ ދޭވާނީންގެ ދެމީހަކު އުޅުއްވާތީ އަޅުގަނޑަށް އެދުވަސްވަރު ބައިސްކަލު ތަންކޮޅެއް ގިނައިން ފެނުމުގެ ނަސީބު ލިބިފައިވެއެވެ.އަޅުގަނޑު ހަނދާންވާ ގޮތުގައި އެދުވަސްވަރު މާލޭގައި އޮންނަނީވެސް އެންމެ ލޮރީއެކެވެ. ގައިމުވެސް ދެލޮރީއަށްވުރެ ގިނައެއް ނުވާނެއެވެ. އެއީވެސް މިހާރު މިގެންގުޅޭ ކަހަލަ ބޮޑެތި ލޮރީއެއް ނޫނެވެ. ކިޔާއުޅެނީވެސް ކޭ ލޮރީއެވެ. ކުދިންމަރާ ކޭ ލޮރީއެވެ. ރަނގަޅަށް ހަދާންހުންނަންފެށިފަހުން މީހުން ބުނާތީ އަހަނީ އެލޮރީއަށް ކޭ ލޮރީ ކިޔަނީ ލޮރީން ކުޑަކުއްޖެއްގައިގާޖެހި އެ ކުޑަކުއްޖާފުޅު ނިޔައުވީމައެވެ. ލޮރީ އަންނަތަން ފެނިއްޖެ ނަމަ، އެންމެންވެސް މަގުގެ އެއްކައިރިއަށް އަރާނެއެވެ. އަދި ލޮރީ ފަސްދީދިޔުމުން މަގުމަތީ ވެލިގަނޑުގައި ކުރެހިފައި ހުންނަ ރޮގުގައިކުޑަކުދިން ވަސްގަންނާނެއެވެ. އެއީ، ލޮރީދިއުމުން އޭގެ ފުރޮޅުގައި ދުވާވަސް ބަލަނީއެވެ.މަގުގެ އެއްކޮޅުން އަނެއްކޮޅަށް މަގުގެ ދެފަރާތުގައި ހުންނަ ގޭގޭގެ މީހުންނަކީ އެކަކު އަނެކަކަށް ދަންނަ ރަޙުމަތްތެރި އެކަކު އަނެކަކާ އަޅާލައި އުޅޭ ވަރަށް އަޚުވަންތަ ބައެކެވެ. ގޯތިތަކަކީ ބޮޑެތި ގޯތިތަކެކެވެ. އެއްގެއިން ވަދެގެން މަގުމައްޗަށް ނުނުކުމެ އެއްގޭތެރއިން އަނެއްގޭތެރެއިން ކިތަންމެ ހިސާބަކަށްވެސް ދެވިދާނެއެވެ. ކުޑަކުދިން ޒުވާނުން އަންހެނުންނާއި ފިރިހެނުން މަގުމަތީގައި ކުޅިވަރުކުޅެ އުޅުމަކީ ވެސް އޭރު އެދުވަސްވަރުގެ އާދައެކެވެ. މަގުމަތީ ކުއްލި ކުޅުމަކުން ނުވަތަ ތިންމުގޯއްޔާއި އަތްމަތި ބަރަކާތާއި (ބަށި) ފަނާއި ލެއް ނުވަތަ ދަމާކަށި ކުޅެ ސަކަރާތްޖަހާ ހެދިނަމަވެސް ވަރަށް މަދުފަހަރަކު މަދުމީހަކު ނޫނީ އެކަމުން އުދަގޫވެގެން އެއްޗެއް ބުނެއް ނޫޅެއެވެ.މިއަދުވެސް ހަމަ މިދެންނެވި މަގެވެ. މަގަށް ހިޔާއެޅި ބޮޑެތިގަސްތައްވަނީ ނެތިގޮސްފައެވެ. މަގުގައި ހުރި ބޮޑެތި ގޯތިތައްވަނީ ފޮތިފޮތިވެ ކުދިކުދިވެ ބައިބަޔަށް އެޅިފައިވެ. ގިނަ ގޭގެ ވަނީ ބުރިބުރިއަށް މައްޗަށްއަރާ ހިންދަމާލާފައެވެ. ކޮންމެގެއެއް ހީވަނީ، އުޑާ ވާހަކަ ގޮވަން އުޅޭހެނެވެ. އެއްގެ އަނެއްގެއާ ވާދަކުރަމުން އުސްވަމުން ދާކަހަލައެވެ. ޖެހިގެން ހުންނަ ގޭގައި ދިރިއުޅޭ އަވައްޓެރިޔާއަކީ ކާކުކަން ވަކިކުރާކަށް މިއަދު ނޭގެއެވެ. މަގުމަތީގައި މީހުންވަނީ ފުރިބާރުވެ ތޮއްޖެހިފައވެ. ޖެހިގެން ހުންނަމީހާވެސް އެއީ ކާކުކަމެއް ވަކިކުރާކަށް ނޭގެއެވެ. އިއްޔެ ދުއްމީހާ މިއަދު ނުފެނެއެވެ. މިއަދު ފެންނަމީހާ މާދަމާވެސް ފެންނާނެ ކަން ކަށަވަރެއް ނޫނެވެ. މަގުގައި ކުރިން އޮތް ރީތި އޮމާން ހިތްގައިމު ވެލީގެ ބަދަލުގައި މިހާރުވަނީ ގާއަޅާފައެވެ. ހާލަކުން ފަހަރަކުނޫނީ ނުފެންނަ ދުއްވާތަކެތި ގިނަވެ މަގުވަނީ ތޮއްޖެހި ފުރިބާރުވެފައެވެ. އެތަކެތިން ބުރުވަމުންދާ ދުމުން ގެއިން ބޭރަށް ނުކުންނައިރު ލައިގެން ހުންނަ ހެދުން ގެއަށް އެބުރި ވަންނައިރު ހުންނަނީ ކަޅުވެ ނުދޮވެ ދެވަނަ ފަހަރަށް ބޭނުންކުރަން ނުކުރޭވަރަށް ހަޑިވެފައެވެ. ހެދުނެއް ހަވީރެއް ނެތި ދުއްވާތަކެތިން ގޮވާ އަޑުފަށްގަނޑުގެ ގަދަކަމުން ކުޑަކުއްޖަކަށް ނިދާލެވޭ ވަރެއް ނުވެއެވެ. ބަލިމީހަކަށް ހަމަޖެހިލައިގެން ތަނެއްގައި އަރާމުގައި އޮވެލެވޭވަރެއް ނުވެއެވެ. އޭރު އޮތް އޮމާން ހަމަ ހިމޭންކަންވަނީ ގެއްލި ގޮއްސައެވެ. އެނބުރި ނާންނަ ގޮތަށެވެ. އޭރު ރަށުތެރޭ ތޯތްގޮވައި ތަކެތި ވިއްކާމީހުން ބޮޑެތި މަލާފަތްތަކުގައާއި ލޯތަށި ތަށީގައާއި ދޮލަގުގައި ފުރެންދެން ތަކެތި ޖަހައިގެން ބޯމަތީގައި ބަހައްޓައިގެން ނުލާހިކު ފަރިހިނގުމުގައި މާލޭމަގުތަކުގައި ހިނގާ ރީތި ރާގުރާގަށް އެއް ނޭވައިން ދޮލަނގުގައި ހުންނަ ހުރިހާ ތަކެތީގެ ނަންކިޔައި ތޯތްގޮވައި ތަކެތިވިއްކާއުޅުނެވެ. "ބޮޑުމީހާ ބުނީ ދޯ ވިއްކަނީ، ދޯނިމީހާ ދިނީ ވިއްކަނީ ބުނީމާ" މިހާރުވެސް މަގުތަކުގައި ތަކެތި ވިއްކުމަށް ހިނގާމީހުން އުޅެއެވެ. ބޮލަށް ދޮލަގު އަރުވައިގެން ތޯތް ގޮވުމުގެ ބަދަލުގައި ކުލަ ހުސްކުރި ފާޓާއަށް ނޫނީ ޕްލާސްޓިކް ބާލިދީއަށް ވަޅޯމަސް ނޫނީ ރޯމިރުސް އަޅައިގެން ނަގާ ކޮޑުމަތީ ބަހައްޓައިގެން އެތަކެތި ވިއްކަން ހިނގާމީހާ މިއަދު ގޮވާ އަޑުއިވެނީ، "ދައްތާ! މަސްވިއްކަނީ، މަސްގަންނަނީ، އަގުހެޔޮހުރީ، ބޮޑުމަސްހުރީ، އަގުހެޔޮވަނީ، މިރުސްހުރީ، ކުޅިވަނީދޯ، އަވަސް ގަންނަނީ، ހުސްވަނީ، ދައްތާ! ގަންނަނީ" އެވެ.!!!!
އަޅުގަނޑުގެ ހިތަށްއަރައެވެ! އަހަރެމެންގެ ކާބަފައިންނަށްް މިދުވަސް އަންނާނޭކަން ޚިޔާލަށްވެސް ގެނެވިފަވާނެ ބާވައެވެ. ނޫނީ، މިދުވަސް ހުވަފެނުންވެސް ދެކިފައި ވާނެބާވައެވެ.

ދެފަރާތަށް ދައުރުވާންޖެހޭ ލޯބި

ތިބާގެ މައިން ބަފައިން ތިބާއަށް ލޯބިދިންގޮތަށް ތިބާވެސް އެފަރާތަށް ލޯބިދޭށެވެ
މިއީ މީގެ ދުވަސްކޮޅެއް ކުރިން އީ-މެއިލް ގެންގުޅުއްވާ ބޭފުޅުންނަށް ފޯރވާރޑް މެއިލް އެއްގެ ގޮތުގައި ވަރަށް ގިނަފަރާތްތަކަކަށް ލިބިފައިވާ މެއިލް އެއްގައިވާ ޢިބުރަތުން ފުރިގެންވާ ވާހަކައެކެވެ. އަޅުގަނޑަށްވެސް މި މެއިލް ރައްޓެއްސެއްގެ ފަރާތުން ލިބުމުން ތިޔަބޭފުޅުންނާއި ޙިއްޞާކޮށްލުމަށް ޤަޞްދުކޮށް ތަރުޖަމާ ކޮށްލީއެވެ.ގެއެއްގެ ސިޓިންގ ރޫމުގެ ސޯފާއެއްގައި ޢުމުރުން 80 އަހަރުވެފައިވާ ބައްޕައަކު އޭނާގެ 45 އަހަރުގެ ފިރިހެން ދަރިފުޅާއިއެކު އިށީންދެލައިގެން އިނެވެ. ފިރިހެން ދަރިފުޅަކީ ވަރަށް މޮޅަށް ކިޔަވައިގެންވެސް ހުރި މީހެކެވެ.• ކުއްލިއަކަށް އެގޭގެ ކުޑަދޮރުމަތީގައި ކާޅެއް އައިސް ޖެއްސިއެވެ. އެވަގުތު ބައްޕަ އޭނާގެ ދަރިފުޅުކުރެން އަހާލިއެވެ. "ދަރިފުޅާ! އެއީ ކޮންއެއްޗެއް؟" ދަރިފުޅު ޖަވާބުގައި އެއީ ކާޅެއްކަމަށް ބުންޏެވެ.• ކުޑައިރުކޮޅަކަށްފަހު ބައްޕަ ދެވަނަފަހަރަށް ދަރިފުޅުކުރެން އަހާލިއެވެ. "ދަރިފުޅާ! ކުޑަދޮރުމަތީގައި އެއިނީ ކޮންއެއްޗެއް؟" • "ބައްޕާ... ދެންމެއެއްނޫންތަ މިބުނީ އެއީ ކާޅެކޭ!" ދަރިފުޅު ޖަވާބުދިނެވެ.• އޭގެ ކުޑައިރުކޮޅެއްފަހުން މުސްކުޅި ބައްޕަ އޭނާގެ ދަރިފުޅުކުރެން ތިންވަނަފަހަރަށްވެސް އެ ސުވާލުކޮށްލިއެވެ. މިފަހަރު ދަރިފުޅު ޖަވާބުދިނީ ރުޅިވެރިކަމާއި ހިތްހަމަ ނުޖެހުމާއި އެކުގައެވެ. "އެއީ ކާޅެކޭ!.... ކާޅެކޭ!"• އެއިގެ ކުޑަކުޑަ ހިނދުކޮޅަކަށްފަހު އަނެއްކާވެސް ބައްޕަ ސުވާލުކޮށްލިއެވެ. މިފަހަރު ދަރިފުޅުގެ ރުޅި އިންތިހާއަށް ގޮސް ބާރަށް ހަޅޭއްލަވައިގަތެވެ. "ކީއްވެގެންތަ ހަމަ އެއް ސުވާލެއް ތަކުރާރުކޮށް އަހަމުން ތިޔަގެންދަނީ؟....ކިތައްފަހަރު ބުނެވިއްޖެތަ އެއީ ކާޅެކޭ!..... މިވަރަށް ބުނާއިރުވެސް ބުނާއެއްޗެއް ނޭގިގެން ތިއުޅެނީ؟"• އެއިގެ ކުޑައިރުކޮޅެއްފަހުން ބައްޕަ އޭނާގެ ކޮޓަރިއަށްވަދެފައި ނުކުތްއިރު އަތުގައި ދުވަސްވެ ކަފަވެފައިވާ ޑައިރީއެއް އޮތެވެ. އެއީ ބައްޕަގެ ޅައިރުއްސުރެން ގެންގުޅެމުން އަންނަ ޑައިރީއެކެވެ. ޑައިރީން ގަނޑެއްހުޅުވާލަމުން އޭނާގެ ދަރިފުޅުކުރެން އެ ޞަފުޙާގައި ލިޔެފައިވާ އެއްޗެއް ކިޔާލުމަށް އެދުނެވެ. ދަރިފުޅު އެ ޞަފުޙާ ކިޔާލިއިރު އޭގައި ލިޔެފައިވަނީ މިހެންނެވެ.• "މިއަދު އަހަރެންގެ ދަރިފުޅުގެ ޢުމުރުން 3 އަހަރުގައި އެއިނީ އަހަންނާއި އެކު ގޭގެ ސިޓިންގ ރޫމްގެ ސޯފާގައެވެ. އެހެން ތިއްބާ ކާޅެއް އައިސް ކުޑަދޮރުމަތީގައި ޖެއްސިއެވެ. އަހަރެންގެ ދަރިފުޅު އެއީ ކޮންއެއްޗެއްތޯ އަހަރެންގެ ކައިރީގައި 23 ފަހަރު ސުވާލުކުރިއެވެ. އަހަރެންވެސް 23 ފަހަރު ޖަވާބުގައި ބުނީ އެއީ ކާޅެއްކަމުގައެވެ. 23 ފަހަރު އަހަރެންކުރެން ދަރިފުޅު ސުވާލުކުރުމުން ކޮންމެ ފަހަރަކުވެސް ލޯބިން ދަރިފުޅުގެ ގައިގާ ބައްދާލާ ވަރަށް ލޯބިން ޖަވާބުދިނީމެވެ. އެހާގިނަފަހަރު ދަރިފުޅު އެސުވާލުކުރިނަމަވެސް އަހަރެންގެ ހިތުގައި ރުޅިވެރިކަމާއި ފޫހިކަމެއް ނުއުފެދެއެވެ. އަދި ކިއެއްތަ؟، އެއިގެން ކޮންމެފަހަރަކުވެސް އަހަންނަށް އިޙްސާސްކުރެވެމުން ދިޔައީ ދަރިފުޅުގެ ޟަޢީފުކަމާއި މަޢުޞޫމް ކަމެވެ."• މަތީގައިވާ ޙާދިޘާއިން ދޭހަވެގެން އެދިޔައީ ކޮންފަދަ މަތިވެރި މިޘާލެއް ހެއްޔެވެ؟ ބައްޕަ އޭނާގެ ދަރިފުޅު ކުޑައިރު 23 ފަހަރު ތަކުރާރުކޮށް އެއްސުވާލު ކުރަމުން ދިޔައިރުވެސް 23 ފަހަރުވެސް ބައްޕަ ޖަވާބުދިނީ އެއްވެސް ފޫހިކަމެއް ރުޅިވެރިކަމެއް ނެތިއެވެ. އެހެނަސް މިއަދު އެ ބައްޕަ ދަރިފުޅުކުރެން އެއްސުވާލެއް ތަކުރާރުކޮށް 4 ފަހަރު ކުރުމުން ދަރިފުޅުހުރީ ރުންކުރުވެ ރުޅިއައިސްފައެވެ.• އެހެންކަމުން އަހަރަމެން ވިސްނަންވީ ކަމަކީ، އަހަރަމެންގެ މައިންބަފައިން ގައިބާރުދެރަވެ މުސްކުޅިވެފައި ވިޔަސް އެމީހުންނާއިމެދު ހަރުކަށިނުވުމާއި އެމީހުންނަކީ ބުރައެއްކަމުގައި ނުދެކި އެމީހުންނާއި އޯގާތެރިކަމާއިއެކު މުޢާމަލާތުކޮށް، ކިޔަމަންތެރިވެ، އިޙްތިރާމްކޮށް ޚިދުމަތްކޮށްދިނުމަކީ އަހަރަމެންގެ ވާޖިބެއްކަމުގައި އަބަދުވެސް ދެކެން ޖެހޭނެކަމެވެ. އަބަދުވެސް މައިންބަފައިންނާއިމެދު ވިސްނާ އެމީހުން ހިތުގައި ނުޖައްސާވޭތޯ ބަލާށެވެ. އެހެންކަމުން މިއަދުންފެށިގެން ކޮންމެ މީހަކުވެސް ތިރީގައިވާ ޢިބާރާތްކޮޅު ބާރަށް ކިޔާލާ ހިތުގައި ޢަޒުމެއް ނުވަތަ މޮޓޯއެއްގެ ގޮތުގައި މިކަންތައްތައް ހައްދަވާށެވެ. " އަހަރެން ބޭނުންވަނީ އަހަރެންގެ މައިންބަފައިންނަކީ އަބަދުވެސް އުފަލުގައި ތިބޭ ބަޔަކަށް ވުމަށެވެ. އެމީހުން އަހަރެން ތުއްތުއިރުއްސުރެން ފެށިގެން ބަލައި ބޮޑުކުރީ ނުހަނު އޯގާތެރިކަމާއި އެކުގައެވެ. އެމީހުން ކޮޅުނެތްކޮޅަށް އަހަންނަށް ލޯބިދިނެވެ. އެމީހުން ހުރިހާކަނޑުއޮޅިތަކަކާއި އެންމެހައި ހުރަސްތަކެއް އަތްވާއި ވާރެއަށް ބެލުމެއްނެތި އެ ހޭދަކޮށްލީ މިއަދު އަހަންނަކީ މި މުޖުތަމަޢު ބަލައިގަންނަފަދަ މީހަކަށް ހެދުމަށްޓަކައިކަން ކަށަވަރެވެ.ެ

ދަރިވަރުން މަދަރުސާގައި ހިންގާ ޙަރަކާތްތަކުގައި ތިޔަ ބެލެނިވެރިންވެސް ބައިވެރިވެ ވަޑައިގަންނަވާށެވެ!

ދަރިވަރުންގެ މަދަރުސީ ޙަޔާތުގައި ބެލެނިވެރިންގެ ނުހަނުބޮޑު ޙިއްޞާއެއް ވެއެވެ. މިދެންނެވީ މަދަރުސާގެ ކަންކަމުގައި ބައިވެރިވެލައްވަން ޖެހިވަޑައިގަންނަވާނެ ވާހަކައެވެ. މިފަދަ ކަންކަމުގައި ބައިވެރިވުމަކީ ބުރަ އަދި ވަގުތުތަކެއް ހޭދަކުރަން ޖެހޭ ކަންކަމެވެ. އެހެނަސް އެއިގެ ސަބަބުން ކުރާނެ ފައިދާތައް ޢަދަދުނުކުރެވޭހާ ގިނަގުނައެވެ. އެމެރިކާގެ ޤައުމީ ބެލެނެވެރިންނާއި މުދައްރިސުންގެ ޖަމްޢިއްޔާއިން ހާމަކުރާގޮތުގައި ދިރާސާތަކުން ދައްކާގޮތުން ބެލެނެވެރިން މަދަރުސާގެ ޙަރަކާތްތަކުގައި ބައިވެރިވުމުން ދަރިވަރުން:މަތީ މާރކްސް ހޯދުން، އިމްތިޙާނުތަކުގައި ރަގަޅަށް މަސައްކަތްކޮށް އަރުތަވެރި ދަސްވެނިވުމަކާއި ހަމައަށް ވާޞިލްވުމަށް ބާރު އަޅައެވެ.ޙާޟިރީއަށް ސަމާލުކަންދިނުން އިތުރުވެއެވެ.•ކަންކަމުގައި އިސްނެގުން އިތުރުވުމާއި އެކުދިން އަމިއްލަނަފުސަށްކުރާ އިތުބާރު ގަދަކޮށްދެއެވެ.•ތަފާތު މައްސަލަތަކުގައި ކުދިން ސަސްޕެންޑް (ގޭގައި ބަންދު) ކުރަންޖެހޭ މިންވަރު ދަށްކޮށްދެއެވެ.•ދުންފަތުގެ އިސްތިޢްމާލުކުރުމާއި މަސްތުވާތަކެތި ބޭނުންކުރުމާއި ދުރުހެލިކުރުވައެވެ.•ސީރިއަސް އަޚްލާޤީ މައްސަލަތައް މަދުވެއެވެ.• މަތީ ގްރޭޑްތަކަށް ދަރިވަރުން ވަންނަ ނިސްބަތް އިތުރުކޮށްދެއެވެ.
ބައިވެރިވުމަށް ކުރާނީ ކޮންކަމެއް ހެއްޔެވެ؟ ބައިވެރިވާނީ
ކިހިނެއް ހެއްޔެވެ؟ޙާޟިރުވާށެވެ. ބުރަކޮށް އުޅުއްވަމުން ނަމަވެސް ވަގުތު ހޯއްދަވައިގެން ބެލެނެވެރިންނާއި މުދައްރިސުންގެ ޖަމްޢިއްޔާގެ ޢާއްމު ބައްދަލުވުން ނުވަތަ ސްކޫލްގައި ބެލެނެވެރިންނަށް ބައިވެރިވެވޭގޮތަށް ހިންގޭ އެހެނިހެން ޙަރަކާތްތަކާއި ޖަލްސާތަކުގައިވެސް ބައިވެރިވެވަޑައިގަންނަވާށެވެ. އޭރުން ތިބާ އެކުދިންގެ ކިޔެވުމުގެ ކަންކަމުގައި ސަމާލުކަން ދެއްވާމިންވަރު ފެނި އެކަމުގެ އަގުވަޒަން ކުރާނެއެވެ. މީގެއިތުރުން މިކަމުގެ ސަބަބުން މުދައްރިސުންނާއި ބަލެނެވެރިންނާއި ބައްދަލުވެލާ މުޢާމަލާތުކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ. ދުވަހުންދުވަހަށް ނޯޓިސްބޯޑް ބައްލަވާށެވެ. ބެލެނެވެރިންނަށް ސްކޫލުގެ ފަރާތުން އަންގަންޖެހޭ އެންގުންތައް އެންގުމަށް އެހެން ވަޞީލަތެއް ނުވާނަމަ ކޮންމެދުވަހަކުވެސް ނޯޓިސްބޯޑް ބައްލަވާށެވެ. ކުލާހުގެ މުދައްރިސުންނާއި ސްޕަރވައިޒަރުންނާއި ޕީ.ޓީ.އޭ ގެ އިސްބޭފުޅުންނާއި ވާހަކަދައްކަވާށެވެ. ސްކޫލްގެ ޙަރަކާތްތަކުގައި ތިބާއަށް ހިއްސާވެވެން އޮތްނަމަ އެކަމާއިމެދު މިފަދަ ބޭފުޅުންނާއި ވާހަކަދައްކަވާށެވެ. ސްކޫލުން ހިންގަވާ ބޮޑެތި ޙަރަކާތްތަކުގައި ބައިވެރިވެ ނުލެއްވުނަސް، ސްކޫލްގައި ނެރޭ ފާރުނޫހަކަށް މަޒުމޫނެއް ލިޔުއްވުންފަދަ ކަމެއް ކުރެއްވިދާނެއެވެ. ނުވަތަ އެހެން ބެލެނެވެރިން ކަންކަމުގައި ބައިވެރިކުރުމަށް ބާރުއެޅުއްވިދާނެއެވެ.ޕީ.ޓީއޭ ގައި ބައިވެރިވެލައްވާށެވެ. ސްކޫލެއްގައި ހިންގާ ޙަރަކާތްކާއި ގުޅޭ މަޢްލޫމާތު ބެލެނެވެރިންނާއި ހަމައަށް ފޯރުކޮށްދިނުމުގެ ކުރީގައި ޕީ.ޓީ.އޭ އަށް އެގިފައިވާނެއެވެ. އެހެންކަމުން ޕީ.ޓީ.އޭ ގައި ދައުރެއް އަދާކުރެވޭތޯ ބައްލަވާށެވެ. ކޮންމެ ބެލެނެވެރިއަކަށް މިފުރުޞަތު ނުލިބުނަސް ކޮންމެ ބެލެނެވެރިއަކީވެސް ޕީ.ޓީ.އޭ ގެ މެމްބަރެއް ކަމުގައި ހަނދުމަފުޅު ބަހައްޓަވާށެވެ. ދޭދޭ ބެލެނެވެރިންނާއި ރަޙްމަތްތެރި ވެލައްވާށެވެ. ބެލެނެވެރިއެއްގެ ޒިންމާ އެއްމެ ފުރިހަމަގޮތުގައި އަދާކުރެއްވުމަކީ ފަސޭހަކަމެއްނޫނެވެ. އެހެންނަމަވެސް ގިނަބެލެނެވެރިންނާއި ގުޅުންބަދަހިކުރެއްވި ވަރަކަށް މިކަމުގައި ފަސޭހަވާނެއެވެ. މިގޮތުން ބެލެނެވެރިންގެ ފޯނު ނަމްބަރު ތަކުގެ އެހީގައި ބެލެނެވެރިނާއި މުޢާމަލާތުކުރުމަށް ވިއުގައެއް ޤާއިމް ކުރެވިދޭނެއެވެ. ނުވަތަ ބެލެނެވެރިންގެ ގްރޫޕްތައް މަހަކު އެއްފަހަރު ނަމަވެސް ކެފޭއެއް ފަދަ ހިތްހަމަޖެހޭ މާހައުލަކުން ބައްދަލުވެ ޚިޔާލުބަދަލުކޮށްލައްވާށެވެ. ސުކޫލު ވެހީގައި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުމަށް ފުރުޞަތެއް ލިބެން އޮތިއްޔާ އެފުރުޞަތެއް ނަންގަވައި ނުލައްވާ ފުރުޞަތުގެ ބޭނުން ކުރައްވާށެވެ!

ލިޔުންތެރިކަން ކުރިއެރުވުމަށް ފަރިތަކުރުވުން ބޭނުންވެއެވެ.

ކިޔަވާކުދިންގެ ތެރެއިން ގިނަ ޢަދަދެއްގެ ކުދިން އުނގެނުމުގެ ހުނަރުތައް ކަމުގައިވާ ކިޔުންތެރިކަމާއި ލިޔުންތެރިކަން ފަށައިގަންނަނީ ޢާއްމުގޮތެއްގައި ގްރޭޑް 1 ގައެވެ. އަދި އެކުދިން އަމިއްލައަށް ކުރާ މަސައްކަތާއި ކުލާހުގައި އުޅޭ އެހެނިހެންކުދިން ކުރާ މަސައްކަތާއި ހުންނަ ފަރަޤު ނުވަތަ ތަފާތު ދެނެގަންނަނީވެސް މި މަރުޙަލާގައެވެ. ބައެއްކުދިން މިފަދަ ހުނަރުތައް އަވަހަށް ދަސްކުރެއެވެ. އަނެއްބައިކުދިން ދަސްކުރުމުގައި ތަންކޮޅެއް ލަސްކަމެއް ހުރެދާނެއެވެ. މިއީކީ އުފެދުމުގައި ހުންނަ އުނިކަމަކުން ދިމާވާ ކަމެއްކަމަކަށް ކަމާގުޅޭ މާހިރުން އެއްބަހެއް ނުވެއެވެ. އެގޮތަށް އެކަންދިމާވަނީ ކުދިންނަށް ލިބޭ ފުރުޞަތުތައް ލިބިގެންދާ މިންވަރު ތަފާތުވާތީވެއެވެ. ވަކި ކަމަކުން ތަންކޮޅެއް ދަށްކޮށް ހުރުމަކީ ޢުމުރަށް ދެމިގެންދާނެ ކަމެއްނޫނެވެ. އެހެންނަމަވެސް ގްރޭޑް 1 ގެ ފެންވަރުގެ ކުދިންނަށް މިފަދަ ކަންތައްތައް ވެގެންދާނީ ވަރަށް ބޮޑުކަމެއްގެ ގޮތުގައެވެ. ލިޔުންތެރިކަމަށް ބަލާލަމާތޯއެވެ. ގްރޭޑް 1 ގެ ލެވެލްގެ ކުދިން ލިޔުމަށްޓަކައި ފަންސުރުނަގާ ލިޔަންފަށަނީ ވަރަށް ކުރާހިތުން ތިބެއެވެ. އިގިރޭސި އަކުރުތަކުން ކެޕިޓަލް އަކުރާއި ސިމްޕަލް އަކުރުތައް ލިޔަން ދަސްކުރަން ފަށައެވެ. މި ފެންވަރުގެ ދަރިވަރުންނަށް ލިޔަން ދަސްކޮށްދިނުން އެއީ މުދައްރިސުން ދަސްކޮށްދޭންޖެހޭ ކަމެއްކަމުގައި ގިނަބެލެނެވެރިން ހީކުރެއެވެ. އެހެނަސް މިކަމުގައިވެސް ދެފަރާތުގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެއެވެ.މުހާވިރާއެއްގައިބުނާހެން ފަރިތަކުރިވަރަކަށް އެކުރާ ކަމަކަށް ފަރިތަކަން ބޮޑުވާނެއެވެ. އެހެންކަމުން ކުދިން ކަންކަމުގައި ޙަރަކާތްތެރިވެ ރަގަޅުގޮތްތައް ހޯދުމަށް މަސައްކަތްކުރުމަށް ވީހާވެސް ގިނަފުރުޞަތުތަކެއް ހޯދައިދެވޭތޯ ބެލުމަކީ މުހިއްމުކަމެކެވެ. މިގޮތުން ކުރެވިދާނެ ބައެއްކަންކަން ފާހަގަކޮށްލާނަމެވެ.ރަގަޅަށް ދެނެގަންނާށެވެ. –ތިބޭފުޅުންގެ ދަރިފުޅުގެ ހުނަރުތަކާއި ޙަރަކާތްތައް ހުންނަގޮތް މުދައްރިސުންގެ ފަރާތުން ހޯއްދަވާށެވެ. މިގޮތުން ވަރަށް ތަފްޞީލްކޮށް މިކަންކަން އޮޅުންފިލުއްވަން ވާނެއެވެ. މިސާލަކަށް އިގިރޭސީގެ އަކުރުތައް ލިޔުމުގައި ކެޕިޓަލް ޑަބަލިޔޫ ލިޔާއިރު ސިމްޕަލް ޑަބަލިޔޫއަށް ވުރެން ބޮޑުކޮށް ލިޔުމަށް ދަރިވަރުލައްވާ މަސައްކަތްކުރުމަށް ބާރުއަޅަންޖެހޭ ކަމަށް މުދައްރިސަށް ފާހަގަކުރެވޭކަމަށް ވިދާޅުވެދާނެއެވެ. މިގޮތަށް މުދައްރިސަކު އެވިދާޅުވަނީ ދަރިވަރުގެ މަސައްކަތް ފުދޭވަރަކަށް ރަނގަޅަށް ބެއްލެވުމަށްފަހުގައިކަން ބެލެނެވެރިޔާ ޤަބޫލުކުރެއްވުމަކީ މިކަމުގެ ޙައްލަކާއި ހަމައަށް ވާޞިލްވުމަށް ކޮށާލެވޭ މަގެއްކަމުގައި ނޫނީ ނުވާނެއެވެ. މުދައްރިސުންގެ ލަފަޔާއި އިރުޝާދު ހޯދާށެވެ. –އަޅުގަނޑުމެންގެ ދަރިންގެ ކުރިއެރުމާއި ލާބަޔަށް ކުރެވިދާނެ ކަންކަމުގެ ލަފާ މުދައްރިސްގެ ފަރާތުން ހޯއްދަވާށެވެ. މުދައްރިސުންނާއި ރަޙްމަތްތެރިކަމާއެކު މުޢާމަލާތުކުރުމަކީ އާދައެއްކަމުގައި ހައްދަވާށެވެ.ވަގުތު ދެއްވާށެވެ. –އަޅުގަނޑުމެންގެ ދަރިންނާއި އެކު ހޭދަކުރެއްވުމަށް ވަގުތު ހޯއްދަވާ ފިލާވަޅުތައް ހެދުމާއި ކިއުމުގެ މަސައްކަތުގައި އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެއްވާށެވެ. އެއްކުއްޖަކަށްވުރެން ގިނަކުދިން ތިބޭނަމަ އެއްމޭޒު ދޮށުގައި ތިބުމަކީ ބުއްދިވެރި، ފައިދާހުރިކަމެކެވެ. އަގުވަޒަންކުރާށެވެ. –އެކުދިންކުރާ މަސައްކަތުގެ އަގުވަޒަންކުރާށެވެ. މިސާލަކަށް ދަރިފުޅަށް ރަގަޅަށް ލިޔަންއެނގޭ އަކުރުތަކެއް ލިޔުމަށް ޙަވާލުކުރުމަށްފަހު އަކުރުތައް ލިޔެ ނިމުމުން ކުރި މަސައްކަތަށް ތަޢްރީފްގެ ބަސްކޮޅެއް ދެއްވާށެވެ. އަދި މިވެނި އަކުރެއް ރީތިކޮށް ލިޔެވުނީ މިވެނި ސަބަބަކާއިހުރެކަންވެސް ފާހަގަކުރައްވާށެވެ. ދެން އެއަށްފަހު ލިޔުމުގައި މައްސަލަހުންނަ ބައެއް އަކުރުތައް ލިޔަން ޙަވާލުކޮށް ލިޔެނިމުމުންވެސް ފާޑުކިޔުމުގައި ހިތްމަރުނުވާނޭގޮތަކަށް ފާޑުކިޔުއްވައި، ރަގަޅުކުރަންވީ ކޮނ ްކަންތައްތަކެއްކަން ކިޔާދެއްވާށެވެ. ކާމިޔާބުކުރުމަށް ހިތްވަރުދެއްވާށެވެ. –އަކުރެއް ނުވަތަ އަކުރުތަކެއް ލިޔަން ދަސްވުމަށްފަހު އެ އަކުރުތައް ލިޔުމުން ކޮންމެ ފަހަރަކު ހިތްވަރުގެ ބަސްތައް ނުއިއްވާށެވެ. މާގިނައިން ތަޢްރީފުކުރުމަކީ މަގުއޮޅޭ ކަމެއްކަން ހަނދުމަފުޅުގައި ބަހައްޓަވާށެވެ. އެއް އަކުރު ލިޔަން ދަސްވުމަށްފަހު ޖެހިގެން އިންނައަކުރު އެކަނި ލިޔަން ދެއްވުމުގެ ބަދަލުގައި ދަސްވެފައިވާ އަކުރުވެސް ހިމަނަންވާނެއެވެ.ހަނދުމަފުޅު ބަހައްޓަވާށެވެ. –ލިޔުމުގެ މަސައްކަތަކީ ބުރަ އަދި އުނދަގޫ ކަމެކެވެ. ލިޔުއްވުމަށް އެހާގިނަވަތު ހޭދަކުރުމަށް ބާރު ނާޅުއްވާށެވެ. 10 ވަރަކަށް މިނެޓަށްވުރެން ގިނައިރު ވެއްޖެނަމަ އެކުދިން ފޫހިވެ ޝަވްޤުވެރިކަން ގެއްލޭނެއެވެ. ލިޔުމުގެ މަސައްކަތަކީވެސް ޝަވްޤުވެރި މަޖާ މަސައްކަތަކަށް ހެދިދާނެއެވެ. މިކަމުގެވެސް ހުންގާނު އޮތީ އަޅުގަނޑުމެން ބެލެނެވެރިންގެ އަތުގައެވެ.

ދިވެހި ވެށި ޙިމާޔަތްކުރެވޭނީ ދިވެހިންގެ މަސައްކަތުން

ކުރިމަގަށް އަހަރެންގެ އޮތް ރަޙުމެއް ނުކުރަނީ ކީއްވެހޭ ހުރިގޮތަށް އަނިޔާ މަށަށް ހުރެ ތިޔަދެނީ ފަހެ ކީއްވެހޭނޭނގިނަމަވެސް ތިޔަ ކުރާ އަނިޔާތަކުން ފަހު ނިމުމުގައި އޭގެ ގެއްލުން ބޮލުއަޅަން ނުޖެހޭ ގޮތެއް އޮންނާނެހޭގަސްތަކާ ރުއްތައް ކަނޑާ އަހަރެންގެ ފޭރާން ބޭލުމުން ކަޝްފުވީމާ އައިބުތައް ހަސްފަސް މަގޭ އޮންނާނެހޭ = އުތީމު އާދަމް ޢަބްދުއްރަޙްމާން =
އަޅުގަނޑުމެންގެ ވަށައިގެންވާ މާޙައުލަކީ ކޮންމެ މީހަކަށް ވެސް އެނގޭނެ ފަދައިން ވެށްޓެވެ. ވެށްޓެއް ނެތްތަނެއްގައި ދިރުމެއް ނުވާނޭވެސް ބުނެވިދާނެއެވެ. ސަބަބަކީ ވެށްޓަކީ އޭގައި އެތަކެއް ދިރުންތަކެއް ދިރިއުޅެމުން ދާ ތަނެއް ކަމުގައި ވާތީއެވެ. ރަނގަޅު ސާފު ވެށްޓެއް ނެތްނަމަ އެއީ ޤައުމެއް ނެތިދިޔުމޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ވަކީން ޚާއްޞަކޮށް ދިވެހިރާއްޖެ ފަދަ ކުދި ކުދި ޖަޒީރާ ޤައުމުތަކެވެ. ވެށި ޙިމާޔަތް ކުރެވޭނީ ނުވަތަ އެހެންވެސް ތަނެއް ޙިމާޔަތްކުރެވޭނީ ހަމަ އެތަނެއްގެ ވެރި، އެތަނެއްގައި ދިރިއުޅޭމީހުންނަށެވެ. ހަމަ މި ބީދައިން ދިވެހި ވެށި ޙިމާޔަތް ކޮށް ދެމެހެއްޓޭނީވެސް މި ރަންހާރުގެ މައްޗަށް އެކުލެވިގެންވާ ރަށްތަކުގެ މީހުނަށެވެ. މީގެ މިސާލެއްގެ ގޮތުން އަޅުގަނޑުމެން އުޅޭ ކޮޓަރިތަކަށް ބަލައިލަމާތޯ އެވެ؟ އަޅުގަނޑުމެން އެތަނަށް ކުނި އެޅީމާ ހަމަ އެ ކުނި ކޮޅު ގިނަފަހަރަށް ނަގަންޖެެހިފައި އޮންނަނީ ޚުދު ތިމާއެވެ. މިއަދު ދުނިޔޭގެ ސައިންސްވެރިން ކަންބޮޑުވާ އެންމެ ބޮޑު އެއްމައްސަލައަކީ ތިމާވެށީގެ މައްސަލައެވެ. ސަބަބަކަށް ވަނީ މިއަދު އަޅުގަނޑުމެންނާ ކުރިމަތިލާން ޖެހިފައިވާ ޤުދުރަތީ ބޮޑެތި މައްސަލަތަކެވެ. ޖައްވު ހޫނުވުމާއި އޯޒޯން ފަށަލަ ތުނިވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ ބޮޑެތި މައްސަލަތަކެވެ. މީގެ ހިތި ރަހަ ވަނީ ދިވެހީންނާ ވެސް ކުރިމަތިލާން ޖެހިފައެވެ. ރާއްޖެތޭރޭގެ ބައެއް ރަށްރަށުގެ ރައްޔިތުން މިވަނީ އެމީހުންގެ އަމިއްލަ ވަޒަން ދޫކޮށް ކަރުނަޔާއެކު އެހެން ރަށްރަށް ހިިޖުރަކުރަންޖެހިފައެވެ. އެހެންކަމުން މިގޮތަށް ކަންތައްތައް ދިގުލައިގެން ހިނގައްޖެނަމަ ރާއްޖޭގެ އާބާދީގެ ބޮޑުބައި ހިއްސާ ކުރާ އަތޮޅުތަކުގެ މީހުން ހަމަ ޔަޤީނުންވެސް ބަދަލުކުރާނެ ތަނެއް ނު އޮންނާނެއެވެ. ދިވެހިރާއްޖޭގެ ވެށްޓަކީ ވަރަށްވެސް ނާޒުކު ވެށްޓެކެވެ. އަޅުގަނޑުމެންގެ ރާއްޖެ މިވަނީ ޖޯގްރަފިކަލް ގޮތުން ދުނިޔޭގެ މެދުގައި އަދި ހަމައެހެންމެ ރަށްތައް އެތުރިފައިވާ ގޮތުންނެވެ. ނަމަވެސް މި ކަމުން އަޅުގަނޑުމެންނަށް ފައިދާއެއްވެސް ލިބެއެވެ. އެއީ އަޅުގަނޑުމެންގެ ރާއްޖެ ބޭރުގެ އެހެނިހެން ޤައުމުތަކާ ޚިލާފަށް މޫސުމީ ތަފާތުވުމެއް ނެތުމެވެ. މީގެ ބަދަލުގައި އަޅުގަނޑުމެން ކޮންމެ އަހަރަކު ކުރިމަތިލާން ޖެހެނީ އެންމެ ދެ މޫސުމާއެވެ. ވިއްސާރަކުރާ މޫސުމަކާއި ހޫނު މޫސުމެކެވެ. ތިމާވެށްޓަށް ލިބެމުންދާ ގެއްލުންތައް ޙައްލުކުރެވޭނީ އަޅުގަނޑުމެން ދިވެހިން އެއް ރޫޙެއްގައި މަސައްކަތްކޮށްގެންނެވެ. އެ ކަންތައްތައް ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތައް ކުރަންޖެހެއެވެ. މިގޮތުން ބަލާލާއިރު ކުނި މެނޭޖްކުރުމަކީވެސް ވަރަށް ބޭނުންތެރިކަމެކެވެ. ކުނި ނައްތާލުމުގެ ހަރުދަނާ ޤަވާޢިދެއް ނެތްނަމަ މިއީ ވަރަށް ވެސް ބޮޑުކަމަކަށް ވެދާނެއެވެ. ވީމާ އަޅުގަނޑުމެން މިކަމާ ދޭތެރޭގައި ފުންކޮށް ވިސްނާލުން ވަރަށް ވެސް ބޭނުމެވެ. ޖައްވު ނުސާފުވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ބޭރުގެ ޞިނާޢީ ކާރުޚާނާތަކުން ދޫކުރާ ވިހަ ދުމެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ރާއްޖޭގައި އެފަދަ ކާރުޚާނާއެއް ނެތް ކަމުގައިވިޔަސް އަޅުގަނޑުމެންނަށް މި ރޮނގުންވެސް ކުރެވިދާނެ ކަމެއް އެބައޮތެވެ. އެއީ އެ ފަދަ ޤައުމުތަކަށް އެކަން ހުއްޓުވުމަށްޓަކައި ބާރުއެޅިދާނެއެވެ. ނޫނީ އެމީހުންނަށް އެކަން ހުއްޓުވުގައި އެހީތެރިވެ ހިތްވަރުދެވިދާނެއެވެ. ދުއްވާ ތަކެތިން ބޭރުކުރާ ދުމަކީވެސް ވަރަށް ނުރައްކާތެރި ދުމެކެވެ. މިކަމަކީ މިއަދު އަޅުގަނޑުމެންގެ ރާއްޖޭގައި ވެސް ކުރިމަތިލާން ޖެހިފައިވާ ކަމެކެވެ. މިކަން އަތޮޅުތަކަށްވުރެން ބޮޑަށް ފާހަގަކުރެވޭނީ ވެރިރަށް މާލެއިންނެވެ. އަޅުގަނޑު ދަންނަވާލަން އޮތްހާވެސް ވާހަކަޔަކީ އަޅުގަނޑުމެންގެ ރާއްޖެއަށް އެއްވެސް ދުއްވާއެއްޗެއް ބޭނުމެއް ނުވެއެވެ. ސަބަބަކީ އަޅުގަނޑުމެންގެ ރާއްޖޭގެ މަދު ރަށެއް މެނުވީ ރަށުގެ ދެ ކޮޅު ނުފެންނަ ރަށެއް ނުއޮންނާތީއެވެ. ކޮންމެއަކަސް މިއީ މިއަދު އަޅުގަނޑުމެންގެ އާދަތައް ހުރިނެތްގޮތް ބައްލަވާށެވެ. އަޅުގަނޑުމެން ކައިރީގައި ހުންނަ ތަނަކަށްވެސް ދަނީ ދުއްވާއެއްޗެއްގައެވެ. މިއީ އަޅުގަނޑުމެން ހިތާމަކުރަން ވެއްޖެކަމެކެވެ. އަޅުގަނޑުމެންގެ އާދަތައް ހުންނަގޮތުން ބައެއް ފަހަރަށް ފަޅުފަޅުން ވެލިނަގައި ހެދުމަކީވެސް ވަރަށް ޢާއްމުކަމެކެވެ. އެހެންނަމަވެސް ދަންނަވާލަން ބޭނުންވަނީ ކުޑަ ކުޑަ ވެލިކޮޅެއް އުފެދެންވެސް 1000 ވުރެ ގިނަދުވަސް ނަގާވާހަކަ އެވެ. އާދެ މިއީ އިންސާނީ ދަރިފަސްކޮޅުގެ 10 ޖީލް އުފަންވެ ދިރިއުޅެ ނެތި ފަނާވާހަކަ ދުވަހެވެ. މިއީ އަޅުގަނޑު ހެދި ދިރަސާއެއް ކަމުގައި ނުވިޔަސް، މިއީ ކުޅަދާނަ ސައިންސްވެރިން ހޯދާ ބަލައިފައިވާ ކަންތައްތަކެވެ. މިފަދަ ގޮތަކަށް އަޅުގަނޑުމެންގެ އާދަތައް ހުންނަނަމަ މީގެ 100 އަހަރުފަހުން ރާއްޖެދާނީ ކަނޑުގެ އެތައްހާސް ފޫޓެއްގެ އަޑިޔަށް ނޫންބާވައެވެ؟ އޭރުން އެވީ ކިހިނެއްތޯ އެވެ؟ އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެނަށް ފޯރުކޮށްދިން އަގުހުރި ތަރިކަ އަންނަން އޮތް ޖީލްތަކަށް ފޯރުކޮށްދިނުމަގައި އަޅުގަނޑު މެންނަށް ވެވުނު ހަމަ އެކަނި ކަމަކީ އެ އަމާނާތަށް ޚިޔާނާތްތެރިވުމެވެ. ދިވެހިރާއްޖެ ފަތުރުވެރިކަމުގެ ރޮނގުންވެސް މިވަނީ ވަރަށް ކުރިއަރައިފައެވެ. ވަކީން ޚާއްޞަކޮށް ފަރުތަކާއި ކަނޑުއަޑީގެ ހިތްގައިމު މަންޒަރުތަކުންނެވެ. އެހެންނަމަވެސް ހިތާމަޔާއެކު ދަންނަވާލަން ބޭނުންވަނީ މިއަދު އަޅުގަނޑުމެންގެ ފަރުތަކަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން ފަތުރުވެރިކަން ދަށަށް ދާން ފަށައިފި ވާހަކަ އެވެ. އޭރުން އަޅުގަނޑުމެންގެ ރާއްޖެއަށް ލިބިފައިމިވާ ޝަރަފާއި ޤަދަރު އަޅުގަނޑުމެންގެ އަތުން ބީވެގެން ދިޔައީއެވެ. މިއަދު އަޅުގަނޑުމެންގެ ތިމާވެށްޓަށް ލިބިމުންދާ ގެއްލުންތަކުގެ ސަބަބުން އަސަރު ނުފޯރަނީ ފަހެ ކޮން ރޮނގަކުން ބާވައޭ އަޅުގަނޑުގެ ހިތަށް ވެރިވެގަނެއެވެ. މިކަން މިގޮތަށް ހިނގައްޖެނަމަ އަޅުގަނޑުމެންގެ ލޮބުވެތި ދިވެހި ވަޠަން ދޫކޮށްފައި ދާންޖެހޭނީ ތިމާވެށީގެ ރެފިއުޖީންގެ ގޮތުގައި އެހެން ކޮންމެވެސް ޤައުމަކަށެވެ. އޭރުން އަޅުގަނޑުމެންގެ އާދަކާދައާއި ޘަޤާފަތަށް ބުރު އަރައި އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޢަޤީދާ ބަލިކަށިވެދާނެއެވެ. އެހެން ކަމުން އަޅުގަނޑުގެ މިލިޔުންކޮޅު ނިންމާލާނީވެސް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ ރާއްޖޭގެ ތިމާވެށި ޙިމާޔަތް ކުރުމަށް ގޮވާލަމުންނެވެ.
ހާދަބަދަލެއް އިއްޔެއާއި މިޔަދާ ބެލީމާ ފެނިދެޔޭ
މާދަމާދެންވާނެ ގޮތަކަށް ހާދަ ފިކުރެއް ކުރެވެޔޭ