Sunday, May 10, 2009

ލިޔުންތެރިކަން ކުރިއެރުވުމަށް ފަރިތަކުރުވުން ބޭނުންވެއެވެ.

ކިޔަވާކުދިންގެ ތެރެއިން ގިނަ ޢަދަދެއްގެ ކުދިން އުނގެނުމުގެ ހުނަރުތައް ކަމުގައިވާ ކިޔުންތެރިކަމާއި ލިޔުންތެރިކަން ފަށައިގަންނަނީ ޢާއްމުގޮތެއްގައި ގްރޭޑް 1 ގައެވެ. އަދި އެކުދިން އަމިއްލައަށް ކުރާ މަސައްކަތާއި ކުލާހުގައި އުޅޭ އެހެނިހެންކުދިން ކުރާ މަސައްކަތާއި ހުންނަ ފަރަޤު ނުވަތަ ތަފާތު ދެނެގަންނަނީވެސް މި މަރުޙަލާގައެވެ. ބައެއްކުދިން މިފަދަ ހުނަރުތައް އަވަހަށް ދަސްކުރެއެވެ. އަނެއްބައިކުދިން ދަސްކުރުމުގައި ތަންކޮޅެއް ލަސްކަމެއް ހުރެދާނެއެވެ. މިއީކީ އުފެދުމުގައި ހުންނަ އުނިކަމަކުން ދިމާވާ ކަމެއްކަމަކަށް ކަމާގުޅޭ މާހިރުން އެއްބަހެއް ނުވެއެވެ. އެގޮތަށް އެކަންދިމާވަނީ ކުދިންނަށް ލިބޭ ފުރުޞަތުތައް ލިބިގެންދާ މިންވަރު ތަފާތުވާތީވެއެވެ. ވަކި ކަމަކުން ތަންކޮޅެއް ދަށްކޮށް ހުރުމަކީ ޢުމުރަށް ދެމިގެންދާނެ ކަމެއްނޫނެވެ. އެހެންނަމަވެސް ގްރޭޑް 1 ގެ ފެންވަރުގެ ކުދިންނަށް މިފަދަ ކަންތައްތައް ވެގެންދާނީ ވަރަށް ބޮޑުކަމެއްގެ ގޮތުގައެވެ. ލިޔުންތެރިކަމަށް ބަލާލަމާތޯއެވެ. ގްރޭޑް 1 ގެ ލެވެލްގެ ކުދިން ލިޔުމަށްޓަކައި ފަންސުރުނަގާ ލިޔަންފަށަނީ ވަރަށް ކުރާހިތުން ތިބެއެވެ. އިގިރޭސި އަކުރުތަކުން ކެޕިޓަލް އަކުރާއި ސިމްޕަލް އަކުރުތައް ލިޔަން ދަސްކުރަން ފަށައެވެ. މި ފެންވަރުގެ ދަރިވަރުންނަށް ލިޔަން ދަސްކޮށްދިނުން އެއީ މުދައްރިސުން ދަސްކޮށްދޭންޖެހޭ ކަމެއްކަމުގައި ގިނަބެލެނެވެރިން ހީކުރެއެވެ. އެހެނަސް މިކަމުގައިވެސް ދެފަރާތުގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެއެވެ.މުހާވިރާއެއްގައިބުނާހެން ފަރިތަކުރިވަރަކަށް އެކުރާ ކަމަކަށް ފަރިތަކަން ބޮޑުވާނެއެވެ. އެހެންކަމުން ކުދިން ކަންކަމުގައި ޙަރަކާތްތެރިވެ ރަގަޅުގޮތްތައް ހޯދުމަށް މަސައްކަތްކުރުމަށް ވީހާވެސް ގިނަފުރުޞަތުތަކެއް ހޯދައިދެވޭތޯ ބެލުމަކީ މުހިއްމުކަމެކެވެ. މިގޮތުން ކުރެވިދާނެ ބައެއްކަންކަން ފާހަގަކޮށްލާނަމެވެ.ރަގަޅަށް ދެނެގަންނާށެވެ. –ތިބޭފުޅުންގެ ދަރިފުޅުގެ ހުނަރުތަކާއި ޙަރަކާތްތައް ހުންނަގޮތް މުދައްރިސުންގެ ފަރާތުން ހޯއްދަވާށެވެ. މިގޮތުން ވަރަށް ތަފްޞީލްކޮށް މިކަންކަން އޮޅުންފިލުއްވަން ވާނެއެވެ. މިސާލަކަށް އިގިރޭސީގެ އަކުރުތައް ލިޔުމުގައި ކެޕިޓަލް ޑަބަލިޔޫ ލިޔާއިރު ސިމްޕަލް ޑަބަލިޔޫއަށް ވުރެން ބޮޑުކޮށް ލިޔުމަށް ދަރިވަރުލައްވާ މަސައްކަތްކުރުމަށް ބާރުއަޅަންޖެހޭ ކަމަށް މުދައްރިސަށް ފާހަގަކުރެވޭކަމަށް ވިދާޅުވެދާނެއެވެ. މިގޮތަށް މުދައްރިސަކު އެވިދާޅުވަނީ ދަރިވަރުގެ މަސައްކަތް ފުދޭވަރަކަށް ރަނގަޅަށް ބެއްލެވުމަށްފަހުގައިކަން ބެލެނެވެރިޔާ ޤަބޫލުކުރެއްވުމަކީ މިކަމުގެ ޙައްލަކާއި ހަމައަށް ވާޞިލްވުމަށް ކޮށާލެވޭ މަގެއްކަމުގައި ނޫނީ ނުވާނެއެވެ. މުދައްރިސުންގެ ލަފަޔާއި އިރުޝާދު ހޯދާށެވެ. –އަޅުގަނޑުމެންގެ ދަރިންގެ ކުރިއެރުމާއި ލާބަޔަށް ކުރެވިދާނެ ކަންކަމުގެ ލަފާ މުދައްރިސްގެ ފަރާތުން ހޯއްދަވާށެވެ. މުދައްރިސުންނާއި ރަޙްމަތްތެރިކަމާއެކު މުޢާމަލާތުކުރުމަކީ އާދައެއްކަމުގައި ހައްދަވާށެވެ.ވަގުތު ދެއްވާށެވެ. –އަޅުގަނޑުމެންގެ ދަރިންނާއި އެކު ހޭދަކުރެއްވުމަށް ވަގުތު ހޯއްދަވާ ފިލާވަޅުތައް ހެދުމާއި ކިއުމުގެ މަސައްކަތުގައި އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެއްވާށެވެ. އެއްކުއްޖަކަށްވުރެން ގިނަކުދިން ތިބޭނަމަ އެއްމޭޒު ދޮށުގައި ތިބުމަކީ ބުއްދިވެރި، ފައިދާހުރިކަމެކެވެ. އަގުވަޒަންކުރާށެވެ. –އެކުދިންކުރާ މަސައްކަތުގެ އަގުވަޒަންކުރާށެވެ. މިސާލަކަށް ދަރިފުޅަށް ރަގަޅަށް ލިޔަންއެނގޭ އަކުރުތަކެއް ލިޔުމަށް ޙަވާލުކުރުމަށްފަހު އަކުރުތައް ލިޔެ ނިމުމުން ކުރި މަސައްކަތަށް ތަޢްރީފްގެ ބަސްކޮޅެއް ދެއްވާށެވެ. އަދި މިވެނި އަކުރެއް ރީތިކޮށް ލިޔެވުނީ މިވެނި ސަބަބަކާއިހުރެކަންވެސް ފާހަގަކުރައްވާށެވެ. ދެން އެއަށްފަހު ލިޔުމުގައި މައްސަލަހުންނަ ބައެއް އަކުރުތައް ލިޔަން ޙަވާލުކޮށް ލިޔެނިމުމުންވެސް ފާޑުކިޔުމުގައި ހިތްމަރުނުވާނޭގޮތަކަށް ފާޑުކިޔުއްވައި، ރަގަޅުކުރަންވީ ކޮނ ްކަންތައްތަކެއްކަން ކިޔާދެއްވާށެވެ. ކާމިޔާބުކުރުމަށް ހިތްވަރުދެއްވާށެވެ. –އަކުރެއް ނުވަތަ އަކުރުތަކެއް ލިޔަން ދަސްވުމަށްފަހު އެ އަކުރުތައް ލިޔުމުން ކޮންމެ ފަހަރަކު ހިތްވަރުގެ ބަސްތައް ނުއިއްވާށެވެ. މާގިނައިން ތަޢްރީފުކުރުމަކީ މަގުއޮޅޭ ކަމެއްކަން ހަނދުމަފުޅުގައި ބަހައްޓަވާށެވެ. އެއް އަކުރު ލިޔަން ދަސްވުމަށްފަހު ޖެހިގެން އިންނައަކުރު އެކަނި ލިޔަން ދެއްވުމުގެ ބަދަލުގައި ދަސްވެފައިވާ އަކުރުވެސް ހިމަނަންވާނެއެވެ.ހަނދުމަފުޅު ބަހައްޓަވާށެވެ. –ލިޔުމުގެ މަސައްކަތަކީ ބުރަ އަދި އުނދަގޫ ކަމެކެވެ. ލިޔުއްވުމަށް އެހާގިނަވަތު ހޭދަކުރުމަށް ބާރު ނާޅުއްވާށެވެ. 10 ވަރަކަށް މިނެޓަށްވުރެން ގިނައިރު ވެއްޖެނަމަ އެކުދިން ފޫހިވެ ޝަވްޤުވެރިކަން ގެއްލޭނެއެވެ. ލިޔުމުގެ މަސައްކަތަކީވެސް ޝަވްޤުވެރި މަޖާ މަސައްކަތަކަށް ހެދިދާނެއެވެ. މިކަމުގެވެސް ހުންގާނު އޮތީ އަޅުގަނޑުމެން ބެލެނެވެރިންގެ އަތުގައެވެ.

No comments:

Post a Comment