Sunday, May 10, 2009

ބަދަލުވަމުންދާ ޒަމާން

އަޅުގަނޑަކީ ވިހި ވަނަ ގަރުނުގެ ކުރީ ފަންސާހުގެ ފަހު ދިހައިގެ މެދުތެރޭގައި ގަލޮޅު ބޮޑު މަގުގައި ހުރި ގެއެއްގައި ދުނިޔެއަށް އުފަންވި ކުޑަކުއްޖަކީމެވެ. އުމުރުގެ ވަރަށް ކުރީކޮޅުގައި ޔަތީމުވި މީހެކެވެ. ﷲ ގެ ތަނަވަސް ރަޙުމަތުގައި ބޮޑުވެ ޒުވާން ޢުމުރު ފަސްދީ ފައިވާ "ޒުވާނެކެވެ''ދުނިޔެއަށް ނޭވާލާ ތަންދޮރު އެނގި ހޭލި މޭލިވެވި ވާން ފެށިއިރު ގޭގެ ފުޅަލި ދޮށަށް ނުކުމެ ބަލައިލާއިރު މަގުގެ އެއްކޮޅުން ފެންނަނީ މަގުމެދުގައި އިންދާ ހައްދާފަ ހުރި ބޮޑު ދެ މޫނިމާ ގަހެވެ. މަގުގެ އަނެއް ކޮޅުން ފެންނަނީ މަގުގެ ނިމޭހިސާބުގައި މަގުމެދުގައި ބޮޑުދެގައު މަތީގައި ބާއްވާފައި އޮންނަ ފަސްމުށު ދަނގަނޑު ބޮޑުބަޑިއެކެވެ. އޭގެ ބިއްދޮށުން ފެންނަނީ ގޮނޑުދޮށެވެ. މަގުގެ ދެފަރާތުގައިވަނީ ދަނޑި ފަނުގެފުޅަފާއި އަމުދުން އެވަރުވެސް ނުހުންނަ އިންވަކި ކުރެވިފައިވާ ގޯތި ގެދޮރުތަކެވެ. ބައެއްގޭގޭގައި މަގުފުޅަށް އޮށިން ނުވަތަ ދަނޑިފަނުން އަޅައި ބިއްގަތާ ކޮޅުފަންޖަހާފައިވެސް ހުރެއެވެ. އެކަމަކުވެސް އެކި ދެތިންގެއެއްގެ މަގުފާރު ރާނާފައި ނެތެކޭ ނުދަންނަވާކަށް ނެތީމެވެ. ވަރަށް މަދުގެއެއް ދެފުރާޅަށް ނުވަތަ އެއަށް ވުރެ ބޮޑުކޮށް މެދު އެތެރެގެއަކާއި އެކު ރާނާފައި ނެތެކޭވެސް ނުދަންނަވަމެވެ. އެކަމަކު ގިނަގޭގެ ހުންނަނީ ގާފޮޅުބަނދެ ވަކަރާއި ބޮޑުދުނބުރިން މެއްލަޖަހައިގެން ހަދައިފައެވެ. މަދުގެއެއް ފުރާޅުގައި ޓިނުޖަހައި ހިޔާކޮށްފައިވާއިރު ގިނަގޭގޭގެ ފުރާޅު ހިޔާކޮށްފައި ހުންނަނީ ފަންގިލައިގެންނެވެ. ފަންފުރާޅު ލާފައި ހުންނަ ގޭގޭގެ ފުރާޅުގައިވެސް އެއްބުރި ދެބުރި ދަނގަނޑު ޓިނު ފަހަރުގައި އޮވެދާނެއެވެ. މިހެން އޮންނަ ޓިނުބުރިބުރިވެސް ގިނަފަހަރަށް އޮންނަނީ ފޫގޮސްފައެވެ. ފުރާޅުގައި ޓިނުހުންނަ ގޭގޭގެ ފުރާޅުންވެސް ތިންހަތަރު ތާކުން ޓިނުގަނޑު ފޫގޮސްގެން ގޭތެރެއަށް ވިއްސާރަ މޫސުމުގައި ވާރޭވެހޭނަމަ ފެން ފައިބަމުންދާނެއެވެ. މިފަދަ ލޯވަޅު ބެއްދުމަށް ބަނބުކެޔޮކިރު ފޮތި ތިންހަތަރުތާކު ނުހިއްޕާ ފުރާޅެއް ހުންނާނެއެކޭ ހިތަކަށް ނުފެނެއެވެ. ގޭގޭގެ ބިތް ބައްދާފައި ހުންނަނީ ދަނޑިން ބިތްގަތައި ތޮށައްޔާއި ފަންޖަހައިގެންނެވެ. ނުވަތަ ގޯނިން ނޫނީ އެފަދަ ކޮންމެވެސް ގޮަތަކުންނެވެ. ބިތުގައި ފަންޖަހައި މޮޅަށް ތައްޔާރުކޮށްފައި ހުންނަ ގޭގޭގެ ބިތްބިތުގައި މަތަރެސް އަޅައި ބައްޅިޖަހައި ފަންގަނޑުގެ ހުނގުލި އެއްވަރަށް ކޮށައިފައެވެ. ގޭގޭގެ އިމުގެ އެތެރޭގައި ހައްދާފައި ހުންނަ ބޮޑެތި ހިޔާދޭ ގަސްގަހުގެ ސަބަބުން މުޅިމަގު އޮންނަނީ ގާތްގަނޑަކަށް ދުވާލުގެ ހަތަރުދަމު ހިޔާވެފައެވެ. މެންދުރުގެ ގަދަ ހޫނުގައި ފިނިކޮށްލަން ކޯޅިކޯޅިވަރަށް ދުވަސްވީ މީހުނާއި ހަރު މީހުނާއި ޒުވާނުން ނުކުމެ ހިޔާ ގަނޑުގަޑުގައި މަޑުކޮށްލާއިރު ކުޑަވަރު ކުދިން ނުކުމެ ބިންމަތީ އިށީދެލައިގެން އެކުދިންގެ އިނގިލިތަކުގެ ކުރިން ބިންމަތީގައި ކުރަހަން، އެކުދިންގެ ޅަ ޚިޔާލުތައް ފާޅުކޮށް ތެޔޮގުޅާ ސާދާކުރަން އެތިބޭ ތިބުމަކީ ވަރަށް ރީތި ހިތަށް ފިނިކަން ގެނެސްދޭ އުފާވެރި މަންޒަރެކެވެ. ބައެއް ދިމަދިމާގައި ދުންގުޑުގުޑާއާއި އޮށްވަޅުގޮޑި ނުވަތަ ތިންހަމަ ފިލާގަނޑު ހިފައިގެން އަންހެންވެރިން ނުކުމެ މިދެންނެވި ބީދައިން ބިންމަތީގައި ފޫހަރާލައިގެން ރަބަތަޅަން އެތިބޭ މަންޒަރަކީވެސް ހަމަ އެފަދަ އެކުވެރިކަމާއި އެއްބައިވަންތަކަން ދައްކައިދޭ ރީތި މަންޒަރެކެވެ.ކޮންމެ ގެއެއްގެ މީހުންވެސް އެގެއަކާއި ދިމާމަގުމަތި މަދުވެގެން ދުވާލަކު އެއްފަހަރު ކުނިކަހާ ސާފުކުރެއެވެ. މުޅި މަގުއޮންނަނީ ވަރަށް ސާފުކޮށެވެ. ގޭގޭގެ އިމުގެ ތެރޭގައި ހެދިފައި ހުންނަ ބޮޑެތި ހިޔާދޭ ބަނބުކެޔޮ ގަސްތަކާއި އަނބުގަސްގަހުން މަގުމައްޗަށް ފައިބާ ފަތްތައް އެގޭގޭގެ މީހުން ނުކުމެ ދޭތެރެ ދޭތެރެއިން ހޮވާނަގައެވެ. މިގޮތަށް ފަތްހޮވަން ބޭނުންކުރަނީ އެއްކޮޅުގައި މުއްގަނޑެއް ލާފައި އަނެއްކޮޅު ފޭއްސާ ތޫނުކޮށްފައިވާ ދަނގަނޑެކެވެ. ގޭގޭގައި މަގުމަތީ އިމާއި ކައިރީގައި ހައްދާފައި ހުންނަ ގަސްގަހުން މަގަށް ދަތިވާގޮތަށް ބޭރަށް ނުކުމެފައި ހުންނަ އޮފިގަނޑުގަނޑާއި ކުރިތައް އެގޭގޭގެ ވެރިން ކޮށާނެއެވެ. ވަކިމީހަކު އަންގާ އެންގުމަކާއި ނުލައެވެ. މިހެން މިކަން ހިނގަމުން ދާއިރު ކޮންމެ އެކި ދެތިންމަހުން އެއްމަހު އަވަށު މުދިމަކު މަސައްކަތުމީހުން ގޮވައިގެން ނުކުމެ ވަކިއުސްމިނަކަށްވުރެ ތިރީގައި މަގުމައްޗަށް ހުންނަ އޮފިތަށް އަވަށުގެ ފަރާތުން ކޮށަމުންވެސް ގެންދެއެވެ.އެދުވަސްވަރަކީ މާލޭގެ މަގުމަތީގައި ދުއްވާތަކެތި ވަރަށް މަދުން ނޫނީ ފެންނަ ދުވަސްވަރެއް ނޫންކަމުން މަގެއްމަތީގައި ކިތަންމެ ބަޔަކު ކިތަންމެ އިރަކު އިށީދެގެން ތިބިނަމަވެސް ނޫނީ ކުޅިވަރު ކުޅެން އުޅުނުނަމަވެސް އުދަގޫވެގެން ޝަކުވާކުރާ މީހަކު އުޅޭއިރެއްނޫނެއެވެ. ފަޑިޔާރުގޭ ދޭވާންޏެއް ރަތްފައްޓާއަޅާފައި ބައިސްކަލެއްގައި ދާތަން ވަރަށް މަދުން ފެ ނިދާނެއެވެ. އަޅުގަނޑުގެ ގޭދޮށު ހިސާބުގަނޑުގައި މިދެންނެވި ކަހަލަ ދޭވާނީންގެ ދެމީހަކު އުޅުއްވާތީ އަޅުގަނޑަށް އެދުވަސްވަރު ބައިސްކަލު ތަންކޮޅެއް ގިނައިން ފެނުމުގެ ނަސީބު ލިބިފައިވެއެވެ.އަޅުގަނޑު ހަނދާންވާ ގޮތުގައި އެދުވަސްވަރު މާލޭގައި އޮންނަނީވެސް އެންމެ ލޮރީއެކެވެ. ގައިމުވެސް ދެލޮރީއަށްވުރެ ގިނައެއް ނުވާނެއެވެ. އެއީވެސް މިހާރު މިގެންގުޅޭ ކަހަލަ ބޮޑެތި ލޮރީއެއް ނޫނެވެ. ކިޔާއުޅެނީވެސް ކޭ ލޮރީއެވެ. ކުދިންމަރާ ކޭ ލޮރީއެވެ. ރަނގަޅަށް ހަދާންހުންނަންފެށިފަހުން މީހުން ބުނާތީ އަހަނީ އެލޮރީއަށް ކޭ ލޮރީ ކިޔަނީ ލޮރީން ކުޑަކުއްޖެއްގައިގާޖެހި އެ ކުޑަކުއްޖާފުޅު ނިޔައުވީމައެވެ. ލޮރީ އަންނަތަން ފެނިއްޖެ ނަމަ، އެންމެންވެސް މަގުގެ އެއްކައިރިއަށް އަރާނެއެވެ. އަދި ލޮރީ ފަސްދީދިޔުމުން މަގުމަތީ ވެލިގަނޑުގައި ކުރެހިފައި ހުންނަ ރޮގުގައިކުޑަކުދިން ވަސްގަންނާނެއެވެ. އެއީ، ލޮރީދިއުމުން އޭގެ ފުރޮޅުގައި ދުވާވަސް ބަލަނީއެވެ.މަގުގެ އެއްކޮޅުން އަނެއްކޮޅަށް މަގުގެ ދެފަރާތުގައި ހުންނަ ގޭގޭގެ މީހުންނަކީ އެކަކު އަނެކަކަށް ދަންނަ ރަޙުމަތްތެރި އެކަކު އަނެކަކާ އަޅާލައި އުޅޭ ވަރަށް އަޚުވަންތަ ބައެކެވެ. ގޯތިތަކަކީ ބޮޑެތި ގޯތިތަކެކެވެ. އެއްގެއިން ވަދެގެން މަގުމައްޗަށް ނުނުކުމެ އެއްގޭތެރއިން އަނެއްގޭތެރެއިން ކިތަންމެ ހިސާބަކަށްވެސް ދެވިދާނެއެވެ. ކުޑަކުދިން ޒުވާނުން އަންހެނުންނާއި ފިރިހެނުން މަގުމަތީގައި ކުޅިވަރުކުޅެ އުޅުމަކީ ވެސް އޭރު އެދުވަސްވަރުގެ އާދައެކެވެ. މަގުމަތީ ކުއްލި ކުޅުމަކުން ނުވަތަ ތިންމުގޯއްޔާއި އަތްމަތި ބަރަކާތާއި (ބަށި) ފަނާއި ލެއް ނުވަތަ ދަމާކަށި ކުޅެ ސަކަރާތްޖަހާ ހެދިނަމަވެސް ވަރަށް މަދުފަހަރަކު މަދުމީހަކު ނޫނީ އެކަމުން އުދަގޫވެގެން އެއްޗެއް ބުނެއް ނޫޅެއެވެ.މިއަދުވެސް ހަމަ މިދެންނެވި މަގެވެ. މަގަށް ހިޔާއެޅި ބޮޑެތިގަސްތައްވަނީ ނެތިގޮސްފައެވެ. މަގުގައި ހުރި ބޮޑެތި ގޯތިތައްވަނީ ފޮތިފޮތިވެ ކުދިކުދިވެ ބައިބަޔަށް އެޅިފައިވެ. ގިނަ ގޭގެ ވަނީ ބުރިބުރިއަށް މައްޗަށްއަރާ ހިންދަމާލާފައެވެ. ކޮންމެގެއެއް ހީވަނީ، އުޑާ ވާހަކަ ގޮވަން އުޅޭހެނެވެ. އެއްގެ އަނެއްގެއާ ވާދަކުރަމުން އުސްވަމުން ދާކަހަލައެވެ. ޖެހިގެން ހުންނަ ގޭގައި ދިރިއުޅޭ އަވައްޓެރިޔާއަކީ ކާކުކަން ވަކިކުރާކަށް މިއަދު ނޭގެއެވެ. މަގުމަތީގައި މީހުންވަނީ ފުރިބާރުވެ ތޮއްޖެހިފައވެ. ޖެހިގެން ހުންނަމީހާވެސް އެއީ ކާކުކަމެއް ވަކިކުރާކަށް ނޭގެއެވެ. އިއްޔެ ދުއްމީހާ މިއަދު ނުފެނެއެވެ. މިއަދު ފެންނަމީހާ މާދަމާވެސް ފެންނާނެ ކަން ކަށަވަރެއް ނޫނެވެ. މަގުގައި ކުރިން އޮތް ރީތި އޮމާން ހިތްގައިމު ވެލީގެ ބަދަލުގައި މިހާރުވަނީ ގާއަޅާފައެވެ. ހާލަކުން ފަހަރަކުނޫނީ ނުފެންނަ ދުއްވާތަކެތި ގިނަވެ މަގުވަނީ ތޮއްޖެހި ފުރިބާރުވެފައެވެ. އެތަކެތިން ބުރުވަމުންދާ ދުމުން ގެއިން ބޭރަށް ނުކުންނައިރު ލައިގެން ހުންނަ ހެދުން ގެއަށް އެބުރި ވަންނައިރު ހުންނަނީ ކަޅުވެ ނުދޮވެ ދެވަނަ ފަހަރަށް ބޭނުންކުރަން ނުކުރޭވަރަށް ހަޑިވެފައެވެ. ހެދުނެއް ހަވީރެއް ނެތި ދުއްވާތަކެތިން ގޮވާ އަޑުފަށްގަނޑުގެ ގަދަކަމުން ކުޑަކުއްޖަކަށް ނިދާލެވޭ ވަރެއް ނުވެއެވެ. ބަލިމީހަކަށް ހަމަޖެހިލައިގެން ތަނެއްގައި އަރާމުގައި އޮވެލެވޭވަރެއް ނުވެއެވެ. އޭރު އޮތް އޮމާން ހަމަ ހިމޭންކަންވަނީ ގެއްލި ގޮއްސައެވެ. އެނބުރި ނާންނަ ގޮތަށެވެ. އޭރު ރަށުތެރޭ ތޯތްގޮވައި ތަކެތި ވިއްކާމީހުން ބޮޑެތި މަލާފަތްތަކުގައާއި ލޯތަށި ތަށީގައާއި ދޮލަގުގައި ފުރެންދެން ތަކެތި ޖަހައިގެން ބޯމަތީގައި ބަހައްޓައިގެން ނުލާހިކު ފަރިހިނގުމުގައި މާލޭމަގުތަކުގައި ހިނގާ ރީތި ރާގުރާގަށް އެއް ނޭވައިން ދޮލަނގުގައި ހުންނަ ހުރިހާ ތަކެތީގެ ނަންކިޔައި ތޯތްގޮވައި ތަކެތިވިއްކާއުޅުނެވެ. "ބޮޑުމީހާ ބުނީ ދޯ ވިއްކަނީ، ދޯނިމީހާ ދިނީ ވިއްކަނީ ބުނީމާ" މިހާރުވެސް މަގުތަކުގައި ތަކެތި ވިއްކުމަށް ހިނގާމީހުން އުޅެއެވެ. ބޮލަށް ދޮލަގު އަރުވައިގެން ތޯތް ގޮވުމުގެ ބަދަލުގައި ކުލަ ހުސްކުރި ފާޓާއަށް ނޫނީ ޕްލާސްޓިކް ބާލިދީއަށް ވަޅޯމަސް ނޫނީ ރޯމިރުސް އަޅައިގެން ނަގާ ކޮޑުމަތީ ބަހައްޓައިގެން އެތަކެތި ވިއްކަން ހިނގާމީހާ މިއަދު ގޮވާ އަޑުއިވެނީ، "ދައްތާ! މަސްވިއްކަނީ، މަސްގަންނަނީ، އަގުހެޔޮހުރީ، ބޮޑުމަސްހުރީ، އަގުހެޔޮވަނީ، މިރުސްހުރީ، ކުޅިވަނީދޯ، އަވަސް ގަންނަނީ، ހުސްވަނީ، ދައްތާ! ގަންނަނީ" އެވެ.!!!!
އަޅުގަނޑުގެ ހިތަށްއަރައެވެ! އަހަރެމެންގެ ކާބަފައިންނަށްް މިދުވަސް އަންނާނޭކަން ޚިޔާލަށްވެސް ގެނެވިފަވާނެ ބާވައެވެ. ނޫނީ، މިދުވަސް ހުވަފެނުންވެސް ދެކިފައި ވާނެބާވައެވެ.

No comments:

Post a Comment