Sunday, May 10, 2009

ދަރިފުޅު ރަނގަޅު ކުއްޖަކަށް ވާނީ ކިހިނެއް؟

ކާވަނީގެ ރަޒީޢާއިން އަޅުގަނޑުމެން ދަރީން ހޯދަމު އެވެ. ދަރީންގެ ޅަފަތުގެ ދުވަސްތަކާ ހެދިބޮޑުވެ ފުރާވަރަށް އަރާއިރު އަޅުގަނޑުމެން އެކުދިންގެ ކާމިޔާބީތަކަށްޓަކައި އުފާކުރަމެވެ. ތުއްތު އިރުގެ ހަނދާންތައް އަލްބަމްތަކާއި ސީޑީ ތަކުގެ އެހީގައި ރައްކާކުރަމު އެވެ. އެކުދިންގެ ބެލެހެއްޓުންތެރިކަމުގެ ދަށަށް އަޅުގަނޑުމެން ދާންޖެހޭ އުމުރަށް އަޅާ އިރު އެފަދަ ރަޙްމުހުރި ޤާބިލް ކުދިންކަމުގައި ވުމުގެ ފޮނި އުންމީދުތައް ކުރަމު އެވެ. އެކަމަކު، މި ނަތީޖާ ހާސިލް ވަނީ ކާވަނިން ފެށޭ ކިތައް ގުޅުމަށް ބާވަ އެވެ؟ މި އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށް އަޅުގަނޑުމެން އަދާކުރަންވި ދައުރާމެދު އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ ދެއްވާފައިވާ އިރުޝާދުފުޅުތަކަކީ ކޮބައިބާވައެވެ؟ 1- ރަނގަޅު އަނތްބަކު އިޚްތިޔާރު ކުރުން : ފިރިހެނަކު ކާވެނި ކުރުމަށް އަންހެނަކު އިޚްތިޔާރު ކުރުމުގައި ބަލާނެ ހަތަރު ގޮތެއް ވެއެވެ. އޭނާގެ މުދާވެރިކަމާއި އޭނާގެ ރީތިކަމާއި އޭނާގެ ޙަސަބާއި ނަސަބާއި އޭނާގެ ދީންވެރިކަމެވެ. އޭގެތެރެއިން ތިޔަބައިމީހުން ދީންވެރިކަން އިޚްތިޔާރު ކުރާށެވެ. އޭރުން އެކާވެނިބާއްޖަވެރި ވާނެއެވެ. * ކުޑަކުއްޖަކު ޢުމަރުބުނުލްޚައްޠާބުގެ އަރިއަހުން ސުވާލުކުރިއެވެ. " އޭ މުއުމިނުތަކުންގެ އަމީރެވެ! ބައްޕަގެ މައްޗަށް ދަރިފުޅަށްޓަކައި އަދާކުރަންޖެހޭ ޙައްޤުތަކެއް ވޭހެއްޔެވެ؟ އެހިދު ޢުމަރުގެފާނު ވިދާޅުވިއެވެ. އާނއެކެވެ! ކުޑަކުއްޖާ ސުވާލުކުރިއެވެ. އެކަންތަކަކީ ކޮބައިތޯއެވެ! ފަހެ ޢުމަރުގެފާނު ވިދާޅުވިއެވެ. އެއީ ރަނގަޅު މަންމަޔަކު ހޯދައިދިނުމާއި ރަނގަޅު ނަމެއް އިޚްތިޔާރު ކުރުމާއި ކީރިތިޤުރްއާން ކިޔަވައި ދިނުމެވެ." 2- ރަނގަޅު ނަމެއްކިޔުން : ކައު އިތުރު ރަސޫލާގެ ބަސްފުޅެއްގެ މާނައިގާ ވެއެވެ. " ހަމަކަށަވަރުން ޤިޔާމަތް ދުވަހުގައި ތިޔަބައިމީހުންނަށް ގޮވާލެވޭނީ ތިޔަބައިމީހުންގެ ބަފައިންގެ ނަމުންނާއި ތިޔަބައިމީހުންގެ ނަމުންނެވެ. ފަހެ ތިޔަބައިމީހުން ހެޔޮ ރަނގަޅު ނަމުން ނަންކިޔާހުށިކަމެވެ." ރަސޫލާގެ ޙަދީޘް ބަސްފުޅެއްގެ މާނައިގާ ވެއެވެ. " ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޯބިވެތިކަން ބޮޑުވެގެންވާ ނަންތަކަކީ ޢަބްދު (عبد) ން ފެށޭ ނަންނަމާއި ޙަމްދު (حمد) ން ފެށޭ ނަންނަމެވެ." އެހެންކަމުން ދަރިންނަށް ނަންކިޔުމުގައި ޢަބްދުﷲ ، ޢަބްދުއްރަޙްމާނު ، ޢަބްދުއްރަޙީމް ފަދަ ﷲ ގެ އިސްމުފުޅާއި ގުޅުވައިގެން ކިޔޭ ނަންނަމާއި އަޙްމަދު ، މުޙައްމަދު، ޙާމިދު ، މަޙްމޫދު މިފަދަ ނަންނަން ކިޔުން ރަނގަޅެވެ.3- ހެއުކޮށް ކަންތައްކުރުން : އަލް އަޤްރަޢު ބުނު ޙާބިސަށް ، ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަސަންގެފާނަށް ބޮސްދެއްވި މަންޒަރު ފެނުނެވެ. އޭނާ ޙައިރާންކަމާއެކު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ދެންނެވިއެވެ. " ތިމަންގެ ދިހަކުދިން ތިބެއެވެ. އެކަމަކު ދުވަހަކުވެސް އެއިން ކުއްޖަކަށް ބޮސްދީ ( ދޮންދީ ) އެއް ނުހަދަމެވެ. " އެހިނދު އޭނާއާއި މުޚާޠަބު ކުރައްވާ ރަސޫލާ ޙަދީޘް ކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ. " މީސްތަކުންނަށް އޯގާވެރި ނުވާ މީހަކަށް މާތް ﷲ އޯގާވެރިވެ ވޮޑިއެއް ނުގަންނަވާނެއެވެ." ހަމަ އެފަދައިން ރިވާވެގެންވާ ގޮތުގައި ކީރިތި ރަސޫލާގެ ކާފަދަރިކަލުން ޙަސަނުގެފާނު ތުއްޕުޅުއިރު، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަޖިދައިގައި އޮންނަވަނިކޮށް އެކަލޭގެފާނުގެ ބުރަކަށިފުޅުގެ މައްޗަށް އަރާވަޑައިގަންނަވާތީ ޢަބްދުﷲ ބުނު ޒުބައިރު ދެކެވަޑައިގަތެވެ. އަދި އަނެއްބައިފަހަރަށް ޙަސަނުގެފާނާ ޙުސައިނުގެފާނާ ދެބޭކަލުންވެސް މިގޮތަށް އަރުއްވައިގެން އުޅުއްވައެވެ. މިފަދަ ވަގުތުތަކުގައި އެއިން ބޭފުޅަކަށް ގެއްލުމެއް ލިބިވަޑައިގެންފާނެ ކަމަށްޓަކައި އެކަލޭގެފާނު ސަޖިދަ ދިގު ކުރައްވައެވެ.4- ދަރިންގެ މެދުގައި ތަފާތު ނުކުރުން : ނުޢުމާނު ބުނު ބަޝީރު ރިވާކުރައްވާ ކަމަށް ޞަޙީޙު މުސްލިމުގައި ރިވާވެގެން އައިސްފައި ވެއެވެ. ނުޢުމާނު ބުނު ބަޝީރު ވިދާޅުވިއެވެ. ތިމަންގެ ބައްޕަގެ މުދަލުން ބައެއް ތިމަންނައަށް ދިނެވެ. ދެން އެކަމާ ތިމަންގެ މައިކަމަނާ ޢަމްރާ ބިންތު ރަވާޙާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ދަންނވާފައި ނޫނީ ތިމަންކަމަނާ ތިޔަކަމަކާނުރުހޭނަމެވެ. ދެން ތިމަންގެ ބައްޕާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިއަހަށް ގޮސް އެކަމުގެ ވާހަކަ ދެންނެވިއެވެ. އެ ހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިމަންގެ ބައްޕައަށް ޙަދީޘްކުރެއްވިއެވެ. " ތިބާގެ ހުރިހާ ދަރިންނަށްވެސް މިފަދައިން ކަންތައް ކުރީމު ހެއްޔެވެ؟" ބައްޕަ ދެންނެވި އެވެ. ނޫނެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. " ތިބާ ﷲއަށް ތަޤްވާވެރިވާށެވެ. އަދި ދަރިންގެ މެދުގައި ހަމަހަމަކޮށް ޢަދުލުވެރިކޮށް ކަންތައް ކުރާށެވެ." ދެން ބައްޕަ އެނބުރި ވަޑައިގެން އެދެއްވި ބައި އަތުލެއްވިއެވެ. 5- ފާޙިޝް ޢަމަލުތަކާއި ހަޑިހުތުރު ވާހަކަތަކުން ދުރުހެލިވުން : ފަހެ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަށް ފެނިވަޑައިގަތީ އަންހެނަކު އޭނާގެ ދަރިއަކަށް ގޮވާ މިއޮތީ އެއްޗެކޭ ބުނެ ހުސް އަތް ދިއްކުރަނިކޮށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. އެދަރިފުޅަށް އެއްޗެއް ދިނީމު ހެއްޔެވެ؟ އެކަނބުލޭގެ ދެންނެވިއެވެ. ނޫނެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ކަނބުލޭގެ ދަރިފުޅަށް އެއްޗެއް ނުދީފިނަމަ ތިޔަކަންވެސް ވާހުށީ ހަމަދޮގަކަށެވެ." 6- ދަރިންގެ އުޅުމާއި ސުލޫކު ބެލެހެއްޓުން : ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅެއްގެ މާނައިގައި ވެއެވެ. " ކުއްޖާގެ ޢުމުރުން ހަތްއަހަރުވުމުން ނަމާދުކުރުމަށް އަމުރުކުރާށެވެ. އަދި ދިހައަހަރުވުމުން ނަމާދު ނުކުރާނަމަ އެކުދިންނަށް އަދަބުދީގެންވެސް ނަމާދުކުރުވާށެވެ! އަދި އެކުދިންގެ ދާންމަތި ތިޔަބައިމީހުންނާ ވަކިކުރާށެވެ! " 7- ދަރިންނަށް ރިވެތި އަދަބު ދަސްކޮށްދިނުން: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅެއްގެ މާނައިގައި ވެއެވެ. " ތިޔަބައިމީހުންގެ ދަރިން ތިންކަމެއްގެ މައްޗަށް ތަރުބިޔަތު ކުރާހުށިކަމެވެ. އެކަންތަކަކީ ތިޔަބައިމީހުންގެ ނަބިއްޔާއަށް ލޯބިކުރުމާއި އެނަބިއްޔާގެ އާލުބައިތުންނަށް ލޯބިކުރުމާއި ކީރިތިޤުރްއާން ކިޔެވުމެވެ. "8- ޙަރާމްތަކެތި ކެއުމުން ދަރިން ދުރުހެލިކުރުން : ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. " ކެއިން ބުއިމުގައި އިސްރާފު ނުކުރެވޭހާ ހިނދަކު (ޙަލާލުތަކެތި) ކެއިން ބުއިމަކީ ޙަލާލު ކަމެއްކަމުގައި ﷲ ލެއްވިއެވެ. " އާދެ! ދިރިއުޅުމުގައި އެކި މީހުންނަށް ކުރެވެނީ އެކި ތަޖުރިބާ އެވެ. އެކި މީހުންނަށް ދިމާވަނީ އެކި މައްސަލަތަކެވެ. އެހެންނަމަވެސް ހުރިހާ މައްސަލަ ތަކުގެ ޙައްލަކީ ހަމަ އެކަނި އިސްލާމްދީނެވެ. އަޅުގަނޑުމެންނަށް އޮތީ، ތަނަވަސް ގޮތެއްގައި ދީނާމެދު ވިސްނުމެވެ. އެމީހެއްގެ ތަޖުރިބާއާއި، ޙާލަތާމެދު ވަކީލުކޮށް، ތިމާގެ ކޮނޑުގައި އެޅިފައިވާ އަމާނާތްތައް އޭގެ ފުރިހަމަ ގޮތުގައި އަދާކުރުމެވެ. ކާވަނީގެ މަޤުޞަދާއި، ދަރީންނަށްޓަކައި އަދާކުރަންޖެހޭ ޙައްޤުތަކާއި، ޒަމާނާއި ދުނިޔެއަށް އަންނަ ބަދަލުތަކުގެރޭގައި، އެކުދިންގެ ވިސްނުމާއި ފިކުރަށް ފޯރާ ނުރަނގަޅު ހުރިހާ ކަމަކުން އެކުދިން ސަލާމަތް ކުރަން ޖެހެއެވެ. އެންމެ ފުރަތަމަ ބެލެނިވެރިން ސަލާމަތްވެތިބެގެންނެވެ. މާތް ނަބިއްޔާގެ އިރުޝާދުތައް ތާ އަބަދު ހަނދާން ކުރަމުންނެވެ. ހެޔޮ ލަފާ ދަރިޔަކު ބިނާކުރުމުގެ ކާމިޔާބު މަގަކީ މިއީ ކަން ކަށަވަރެވެ.

No comments:

Post a Comment